ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން "ޕޯޓް ސޭފްޓީ ވީކް" ފަށައިފިއެވެ.

މިއަދުން ފެށިގެން ހަފްތާއެއްގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތަކީ 2019 އިން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ކުރިއަށް ގެންދާ ހަރަކާތެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން 2020 ގައި މި ހަރަކާތް މެދުކަނޑާލާފައި އޮތުމަށްފަހު މިދިޔަ އަހަރުން ފެށިގެން އެމްޕީއެލުން މި ހަރަކާތް ކުރިއަށް ގެންދެއެވެ.

އެހެންކަމުން މިއީ އެމްޕީއެލުން މި ހަރަކާތް ކުރިއަށް ގެންދާ ތިންވަނަ ފަހަރެވެ

މި އަހަރުގެ ޕޯޓް ސޭފްޓީ ވީކް ފައްޓަވައިދެއްވީ މިއަދު ހެނދުނު އެމްޕީއެލްގެ ޕޯޓް ސަރަހައްދުގައި އެކަމަށްޓަކައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ވިޔަފާރި ބަނދަރުގައި ކުރާ މަސައްކަތްތަކަކީ އޭގެ ޒާތުގައި ނުރައްކާތެރި މަސައްކަތެއް ކަމަށްވާއިރު، ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް މި ހަރަކާތް ހިންގުން މުހިންމު ކަމަށެވެ.

ޕޯޓް ސޭފްޓީ ވީކް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިއްހަތާއި ރައްކާތެރިކަމުގެ ސިޔާސަތު އާންމުކޮށް، ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ހިތްވަރު ދިނުމުގެ ގޮތުން ހެލްމެޓު ހަދިޔާކޮށްފައެވެ.

ހަމަ އެއާއެކު، އެމްޕީއެލްގެ ސޭފްޓީ ޑިޕާޓްމަންޓުގައި ގިނަ ދުވަހު މަސައްކަތްކުރި މުވައްޒަފުންނަށާއި މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ އެކި ހާދިސާތަކުގައި މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުންނަށް، މި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ވަނީ ދީފައެވެ.

މި އަހަރުގެ ޕޯޓް ސޭފްޓީ ވީކުގައި ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކާއި ފޯރަމްތަކުގެ އިތުރުން، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.