ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް ރޭ ވަނީ ނިމިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން 4 ބިލިއަން މީހުން ބެލި މި މުބާރާތުގެ ފައިނަލްގައި ރޭ އާޖެންޓީނާ އާއި އެންމެ ފަހުގެ ޗެމްޕިއަން ޕްރާންސް ބައްދަލު ކުރި މެޗަކީ މުޅި މުބާރާތުގައިވެސް ފެނުނު އެންމެ ފޯރިގަދަ އެއް މެޗެވެ.

ކޮންމެ ހާފެއްގެ ވެސް ފުރަތަމަ 20 އަށް މިނެޓް، މުޅި މެޗް އާޖެންޓީނާ އިން ޑެމިނޭޓްކޮށް މޮޅަށް ކުޅެމުން ދިޔަ އިރު ސަޕޯޓަރުންގެ އަޑު އިރުއިރު ކޮޅާ ގަދަވެގެން ދާ އަޑު އިވެއެވެ. އެއީ އާޖެންޓީނާ އިން ފްރާންސްގެ ގޯލަށް ހަމަލާއެއް ފޮނުވާލާ ކޮންމެ ފަހަރެއްގައި ގޯލަކަށް ކުރެވޭ އުންމީދުގެ އަޑެވެ.

ރާއްޖެއަކީ ވެސް ފްޓްބޯޅަ އަށް ދެވިހިފާފައި ތިބޭ ބަޔަކު އުޅޭ ގައުމަކަށް ވާއިރު، މާލޭގެ އެކިއެކި ކަންކަން މަތީގެ އިތުރުން ގޭގޭގެ ސިޓިންރޫމުގައި ވެސް މި ރޫހު އޮތީ މިގޮތަށެވެ. އެއް ބަޔަކު ބޮޑެތި ކެއުންގަނޑުތަކާއި، ބިރިޔާނީ އަށް އިންސާފު ކުރަމުން ދިޔަ އިރު އަނެއް ބަޔަކު ޕިއްޒާގެ އިންތިޒާރުގައި ތިއްބާ މެޗް ނިމިގެން ދިޔައެވެ.

މާލޭގެ ކެފޭ، ރެސްޓޯރަންޓް ތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗް ދައްކަމުން ދިޔަ އިރު، އެތަންތާނގެ ކައުންޓަރުގައި ހުރި ފޯން ރިންގް ވެ ރިންގް ވެ ކެނޑިގެން ދާ އިރުވެސް ނަގާނެ މީހަކު ނުވެއެވެ. ވޭޓަރުންނާއި ކޭޝިއަރުން ވެސް ކޮފީތަށި އަތަށް ލައިގެން ނަޒަރު ހުއްޓާލީ ސްކްރީނަށެވެ.

އާޖެންޓީނާއަށް ލިބުނު ފުރަތަމަ ޕެނަލްޓީގައި ފްރާންސްގެ ގޯލް ފޫއަޅުވާލީ އެ ވަގުތުގައެވެ. އެ ޕެނަލްޓީއާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ތަޖުރިބާކާރު ޕޮލަންޑް ރެފްރީ، މަސިނިއަކް ނިންމީ އެއީ ސީދާ ޕެނަލްޓީ އެއް ކަމަށެވެ. މިއަހަރުގެ ވޯލްޑްކަޕްގައި ރެފްރީއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ ވީއޭއާރު ޓެކްނޮލޮޖީން އެ ޕެނަލްޓީ އަށް ގޮތެއް ނިންމާ ސްކްރީނަށް އަރުވާފައި ނުވާ އިރު ފައިނަލް މެޗެއްގައި ގޯލް އޭރިއާގެ ތެރެއިން ހަދާ ކުޑަކުޑަ މިސްޓޭކަކީ ވެސް ޕެނަލްޓީ އެއް ލިބުމުގެ ފުރުސަތު އޮންނަ ކަމެއް ކަން ފްޓްބޯޅަ ދަންނަ މީހުން ގަބޫލު ކުރާނެއެވެ. ފަހު ހާފުގައި ފްރާންސަށް ވެސް ހަމަ އެފަދަ ސުވާލު އުފެދޭ ޕެނަލްޓީއެއް ލިބުނެވެ. އެ ފަހަރުވެސް ވީއޭއާރުގެ ބޭނުމެއް ރެފްރީ ނުހިފައެވެ.

ވޯލްޑްކަޕް 2022 ގެ ތަށި އާޖެންޓީނާއިން އުފުލާލަނީ

މެޗްގެ ފުރަތަމަ ހާފް 2-0 ގެ ނަތީޖާއާ އާ އެކު އާޖެންޓީނާ ނިންމާލި ނަމަވެސް، ފްރާންސްގެ ޓީމުންވެސް އަދި ސަޕޯޓަރުންވެސް އުއްމީދު ކަނޑައެއް ނުލައެވެ. ބުނަމުން ދިޔައީ "ކަތިލާނީ ފެންދީފައި" ކަމަށެވެ.

ފްރާންސްގެ ސަޕޯޓަރުން 10 ނަމްބަރު އެމްބާޕޭއަށް ކުރި އިތުބާރާއި، އޭނާއަށްވެސް އޮތް ޔަގީން ކަމާއެކު އާޖެންޓީނާގެ ގޯލް ފޫއަޅުވާލިއެވެ. ލަސްތަކެއް ނުވެ ދެވަނަ ގޯލެއް ޖަހާ ސްކޯ ހަމަހަމަ ކުރިއެވެ.

ފްޓްބޯޅައިގެ ދުނިޔޭގައި މިފަހުން އުފެދުނު ލެޖެންޑް، އާޖެންޓީނާގެ 10 ނަންބަރު މެސީ، ކުޅެމުން ދިޔައީ އެ ސްކޯއާ އެކުވެސް ފްރާންސަށް ދޫކުރާ ގޮތަކަށް ނޫނެވެ. މެޗް ނިމެން ކުޑަތަންވެފައި ވަނިކޮށް މެސީ 3 ވަނަ ގޯލް ޖަލާ އާޖެންޓީނާ އަށް ލީޑް ހޯދައި ދިނެވެ. ނަމަވެސް ފްރާންސަށް ލިބުނު ޕެނަލްޓީ އަކާއެކު އެމްބާޕޭގެ ހެޓްރިކުން މެޗް ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.

މެސީ ލެއްވި ހެދުން – އެއީ ވޮރިއަރުން ލައްވާ ހެދުމެއް

އިތުރު ވަގުތު ކުޅެ ޕެނަލްޓީ ޖަހައިގެން 4-2 އިން އާޖެންޓީނާ ވޯލްޑްކަޕްގެ ތަށި އުފުލާލުމުގެ ކުރިން، ފީފާގެ ރައީސް، ޖިއާނީ އިންފާންޓީނޯ އާއި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ، މެސީ ހެދުމެއް ލައްވާ މަންޒަރާ އެކު ތަފާތު ފާޑުކިޔުން މީޑިއާތަކަށް އޮއްސާލިއެވެ. އެއްބަޔަކު މަލާމާތަކަށް "މެސީ އިސްލާމް ކުރީ" ކަމަށް ބުނާ އިރު އަނެއްބަޔަކު މަލާމާތް ކުރީ އިސްލާމީ ސަގާފަތަށެވެ. އަދި އެ ހެދުމަކީ، މިފަހަރުގެ ވޯލްޑްކަޕަށް ހެދި މެސްކޮޓް "ލައީބު" އާ އަޅުވައި ޖޯކު ހެއްދުމަށް ކުރި ކަމެއް ވެސް ނޫނެވެ. ތަންދޮރު ދަންނަ މީހުންނަށް އެ ކުރީ ކީއްކަން އެނގެއެވެ.

ޖުއްބާ ފާޑަށް އަތް ނުލައި ތުނިތުނިކޮށް ކަޅުކުލައިގެ ފޭރާމުން ފަހާ، ކުރިމަތިން ރަން ކުލައިގެ ރިބަން އަޅާފައި ވާ ހެދުމަކީ، އަރަބީންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ހާއްސަ ޝަރަފެއް ލިބޭ މީހުން ލައްވާ ރަމްޒީ ހެދުމެކެވެ. އަރަބި ވޮރިއާސް (ބަތަލުން) ލައްވާ އެ ހެދުމަށް ކިޔަނީ "ބިސްތް" އެވެ. އަރަބި ޝާހީ ހާންދާނުގެ މެންބަރުންނާއި، ހާއްސަ ކާމިޔާބީ ހޯދާ ބަލަތުންނަށް ދޭ އެ ޝަރަފު ރޭ މެސީއަށް ދިނީ، އޭނާ އާޖެންޓީއަށް ހޯދައިދިން ކާމިޔާބީގެ އަގު ވަޒަން ކުރުމަށެވެ.

ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ދުނިޔެ މެސީ ބަލައިގަންނަ އިރު، ރޭ ވޯލްޑްކަޕްގެ ތަށި އުފުލާލުމުން އެ ޝަރަފު އޭނާއަށް ހައްގު ނުވާންވީ ސަބަބެއް ވެސް ނެތެވެ.

މެސީއަށް އަރުވާ ޝަރަފު "ބިސްތް" ދިން މަޝްހޫރު ބައެއް ކުޅުންތެރިން

ބެންޒީމާ، ލުއިސް ފީގޯ، ޒިދާން، އިނިއެސްޓާ ފަދަ ކުޅުންތެރިންނަށް ވެސް މީގެ ކުރީގެ ބައެއް މުބާރާތްތަކުގައި މިފަދަ ބިސްތް އެއް ދީފައި ވެއެވެ. އަދި މިއީ ގަތަރުން އެކަނި ކުރާ ކަމަކަށް ނުވާއިރު 86 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަރަބި ކަނޑުގެ ހުރިހާ ގައުމެއްގައިވެސް މި ސަގާފަތް އޮވެއެވެ.

ރޭ ނިމިގެން ދިޔަ ވޯލްޑްކަޕަކީ، އެ މުބާރާތުގެ މުޅި ތާރީހުގައި ވެސް ބޭއްވި އެންމެ ފުރިހަމަ ވޯލްޑްކަޕް ކަމަށް ދުނިޔެ ގަބޫލު ކުރާ އިރު، މިއީ މުޅި އަރަބި އުންމަތަށް ނަމޫނާ ދެއްކި ވޯލްޑްކަޕެއް ވެސް މެއެވެ. އަރަބި އަހުލާގާއި ސަގާފަތުގެ ރީތި ނަމޫނާ ފެނިގެން ދިޔަ މުބާރާތެއްވެސް މެއެވެ. ފީފާ އާއި ދުނިޔޭގެ އެތައް ބަޔަކު އެ ތައުރީފު ގަތަރަށް ކުރަމުން ދާ އިރު، ދިވެހިންވެސް އިއްތިފާގު ވަނީ އެގޮތަށެވެ.

ފުޓްބޯޅައަކީ ވަށް އެއްޗެކޭ ބުނާހެން، މޮޅުވާނީ ކޮންމެވެސް އެއްޓީމެކެވެ.