އެފްކޮންސް ގެ މުވައްޒަފުން ތިބޭ އެކޮމަޑޭޝަން ބްލޮކްގައި އަލިފާން ރޯހި ހާދިސާއަށް ފަހު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އެ ސަރަހައްދުން ފެނިއްޖެއެވެ.
ފުލުހުން ބުނީ، މީހަކު ގެއްލިގެން އުޅޭ ކަމަށް މައުލޫމާތު ލިބުނީ ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއަށް މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ތިބި އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ފަހުން ކަމަށެވެ. އެމިހާ ގެއްލިފައިވާ ކަން އެނގުނީ އެ އަލިފާނުގެ ހާދިސާއަށް ފަހު އަނިޔާވި ގިނަ ބަޔަކަށް ފަރުވާ ދިނުމަށް ގެންދިޔަ ފަހުން އެތަނުގައި ތިބި މީހުން ހަމަތޯ ބެލިބެލުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެމީހާ ގެއްލިގެން ހޯދަމުން ދަނިކޮށް އިންސާނެއްގެ ހަށީގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެން ކަމުން އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ ބަލަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ ގެއްލިގެން ހޯދަމުންދާ މީހާގެ ހަށިގަނޑުގެ ބައިތައްތޯ ވެސް ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ގުޅިފަޅުގައި އަލިފާނުގެ ހާދިސާ ހިންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރަުގެ ވަގުތެއްގައެވެ. އެ ހާދިސާގައި އެކި ގޮތްގޮތުން އަނިޔާ ލިބުނު 76 މީހަކަށް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނާ އިރު، އޭގެތެރެއިން 63 މީހަކަށް ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި 13 މީހަކަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ.
އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާވެފައި ލިބުނު އިރު އެ އެކޮމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅުނުނެވެ.
އެރޭ ހިނގި އެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދާ ހުލިވެފައި ވާ އިރު، ހާދިސާ ހިނގި ހިސާބުން ފެށިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން ކުރި މަސައްކަތުން އަލިފާންގަޑު ނިއްވާލެވުނީ ދަންވަރު 2 ޖަހަނިކޮށެވެ.
އެ ހާދިސާއަށް ފަހު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން އެކަކު ގެއްލިގެން އެތަނުގައި ތިބި މުވައްޒަފުން ވަނީ ހަމަނުޖެހުން ވެސް ހިންގާފައެވެ. އަދި އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.