އިންޑިއާގެ ހައިދަރުއާބާދުގައި 10 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފަސް ފުލުހުން އިންޑިއާއަށް ފުރައިފިއެވެ.

ފުލުހުން ބުނީ، އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރި ފަސް ފުލުހުން ނަކީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރިފްއަތު ހުސައިން، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޖަލީލް ކަމަށެވެ. މި ފުލުހުން އިންޑިއާއަށް ފުރާފައި ވަނީ އިއްޔެ ވަގުތެއްގައެވެ.

އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާއިރު މައިގަނޑު ގޮތެއްގައި ކޯސް ބިނާ ވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފިޒިކަލް ޓްރެއިނިން އާއި ވެޕަން ޓްރެއިނިންގެ އިތުރުން ވެސް އެ ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ވެސް، ގާނޫނުގެ ބައިތަކާއި ތަހުގީގު ކުރުމުގެ ހުނަރުތަކާއި ފޮރެންސިކް މެޑިސިން، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑާޝިޕް ފަދަ ފުލުހުންނާ ގުޅުން ހުރި މުހިންމު ބައިތައް އެ ކޯހުގައި ކިޔަވައިދޭނެ ކަމަށް ފުލުހުން ބުނެއެވެ.