ރާއްޖޭގައި އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓާ ނުކުރާނަމަ 10،000 ރުފިޔާ އިން ޖޫރިމަނާކުރާ ގޮތަށް ފާސްކޮށްފައިވާ "އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" ގެޒެޓްކޮށްފިއެވެ.

އެގާނޫނުގައި ބުނާގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާތާ ހަތް ދުވަސް ތެރޭ ކުއްޖާގެ އުފަންވުން ރަޖިސްޓްރީ ކުރުމަށް ކުއްޖާ އުފަންވި ރަށް ނުވަތަ ސިޓީގެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. އަދި އެކަން އެގޮތައް ކުރުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެކެވެ.

އޭގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރުގައި ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމަކާއެކު، ރާއްޖެއަށް އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެއެވެ.

އަދި ރާއްޖޭން ބޭރުގައި އުފަންވާ ކުއްޖަކީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވާ ކުއްޖެއްނަމަ، އެ ކުއްޖާ އުފަންވި ގައުމުގައި އުފަންވުން ރަޖިސްޓްރީ ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވެއެވެ.

އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ.

މި ގާނޫނުގައި ވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ހުށަހަޅަން ވާނެއެވެ.