އަންނަ މަހުގެ ފަހުކޮޅު ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށް، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އިއުލާނު ކޮށްފިއެވެ.
އެމްޑީޕީން ފުރަތަމަ ބުނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ މި އަހަރު ނިމުމުގެ ކުރިން ބާއްވާނެ ކަމަށެވެ. އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ.
މިއަދު ކުރި އިއުލާނެއްގައި އެމްޑީޕީން ބުނީ، އަންނަ މަހުގެ 28 ވާ ހޮނިހިރު ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށާއި، ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަން އެދޭ ކަމަށެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅާއިރު، ހުށަހަޅަން ޖެހެނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގައެވެ.
މި އިއުލާނާ އެކު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ ކުރިއަށްދާނެ ގޮތުގެ ހުލާސާ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން:
- މިއަދު ރިޔާސީ ޕްރައިމަރީ އިއުލާނުކޮށް، ކުރިމަތިލުމަށް ހުޅުވާލުން
- އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 އަށް ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވުން
- 26 ޑިސެމްބަރު: ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ނަންބަރާ އެކު އިއުލާނުކުރުން
- 28-31 ޑިސެމްބަރު: ވޯޓުލާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
- 3 ޖެނުއަރީ: ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރުން
- 10-15 ޖެނުއަރީ: ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލުން
- 28 ޖެނުއަރީ: ޕްރައިމަރީގައި ވޯޓު ލުން
އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.
މި އަހަރު ނިމުމުގެ ކުރިން އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ކަމަށް ބުނެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުންނެވެ.
ޔާމީންގެ އިތުރުން، އެމްއެންޕީގެ ޓިކެޓުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާއިރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވެސް އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނުކުރައްވައިފައެވެ.