އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހޮވިވަޑައިގެންފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހު، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

އެންމެ އުތުރުގެ ތިން އަތޮޅުގެ މައްޗަށް އެކުލެވިގެންވާ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އަކްރަމް ހޮވިވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލާއި، ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ވޯޓުގެ ނަތީޖާ އަށް ބަލާލާއިރު:

  1. އަކްރަމް: 2،988 ވޯޓު
  2. އާދިލް: 804 ވޯޓު
  3. ހާޝިމް: 362 ވޯޓު

މަތި އުތުރު ޕްރޮވިންސްގެ އިތުރުން މިއަދު އެމްޑީޕީގެ އިތުރު 10 ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ގޮސްފައިވެއެވެ.