ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް އުރީދޫ ނޭޝަނުން ބާއްވާ ފީފާ މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހަމަވާނެއެވެ.

އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭނެ ފަހު ދުވަހަކީ މާދަމައެވެ.

އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އީ2އެސް ގޭމިން އާއި ކުޅުދުއްފުށި ސިޓީގެ މަންނަމް ކެފޭ އާއި ކްލަބް ކޮރަލްސްގެ އިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން، މާލެ އާއި، ފުވައްމުލަކާއި، އައްޑު އާއި ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، މި މުބާރާތުގެ ބައިވެރިން ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖްގެ އިތުރުން ސެމީ ފައިނަލާއި ފައިނަލް ހިމެނޭހެން ހަތަރު މަރުހަލާއެއްގައި ވާދަކުރާނެ ކަމަށާއި، އީއޭ ފީފާ އޮންލައިން މުބާރާތުގެ ރަސްމީ ގަވައިދުތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހޭނެ ކަމަށެވެ.

މުބާރާތުގެ ބައިވެރިންގެ ތެރެއިން ވަނަ ހޯދާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތައް:

  • 1 ވަނަ: ނިކާއީ ބްރޭންޑުގެ 65 އިންޗީގެ ސްމާޓް ޓީވީ އެއް
  • 2 ވަނަ: ހައިސެންސް ބްރޭންޑްގެ ސައުންޑް ބާ އެއް
  • 3 ވަނަ ގޭމިން ކިޓެއް (އޭގައި ހިމެނެނީ ކީބޯޑަކާއި މައުސެއްގެ އިތުރުން މައުސް ޕެޑަކާއި ހެޑްފޯނެއް)

އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަކޮށް "ފުޓްބޯޅަ ފޯރި" ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެއް ކަމަށް އުރީދޫން ބުނެއެވެ.