ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއު ހިންގުމަށް ގުޅީފަޅުގައި ތިބި އެފްކޮންސްގެ މުވައްޒަފުން ހަމަނުޖެހުން ހިންގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެފްކޮންސްގެ މުވައްޒަފުން ގުޅީފަޅުގައި ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ. އަދި އެތަނުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުން ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ހަމަނުޖެހުން ހިންގަމުންދާ އެ ކުންފުނީގެ މުވައްޒަފުންނާ އެކުންފުނީގެ މެނޭގްމަޏްޓުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އަދި އެ ހަމަނުޖެހުން ހިންގާ މުވައްޒަފުންގެ ޝަކުވާތައް އަންނަނީ އެ ކުންފުންޏާ ހިއްސާ ކުރަމުންނެވެ.

ގުލީފަޅުގައި ހިންގަމުން އަންނަ ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ ބިދޭސީން އެއްވެފައިވާ އިރު ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި 500 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. މި ހަމަނުޖެހުން ހިންގަމުން އެ އަންނަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެފްކޮންސްގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.

އެ ހާދިސާގައި އެކި ގޮތްގޮތުން އަނިޔާ ލިބުނުނ 76 މީހަކަށް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނާއިރު، އޭގެތެރެއިން 63 މީހަކަށް ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި 13 މީހަކަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ.

އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާވެފައި ލިބި ފަރުވާދެމުން އަންނައިރު އެ އެކޮމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅުނު އިރު މިއީ މާލެ އާއި ވިލިމާލެ ގުޅާ އަޅާ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ މީހުންނެވެ.

އެރޭ ހިނގި މި ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދާ ހުލިވެފައި ވާ އިރު، ހާދިސާ ހިނގި ހިސާބުން ފެށިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން އަލިފާން ނިއްވަން ވަނީ މަސައްކަޔް ކޮށްފައެވެ. ދަންވަރު 12:30 ހާ އިރު ރޯވި އަލިފާންގަޑު ނިއްވާލެވުނީ ދަންވަރު 2 ޖަހަނިކޮށެވެ.

އެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ވަނީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފިއެވެ. ގުޅިފަޅުގައި އެފްކޮންސްގެ އިތުރު އެކޮމޮޑޭޝަންތަކެއް ހުރިއިރު އެ ތަންތަނުގެ އިތުރުން އެޗްޑީސީގެ އެހީއާއެކު ގުޅީފަޅުގައި އިތުރު އެކޮމޮޑޭޝަންތަކެއް ވަނީ ހަމަޖައްސާފައެވެ.