ގެއްލިގެން ހޯދަމުން ދިޔަ ސ. ހުޅުދޫ، ސީނިއަސްރުމާގެ އުމުރުން 34 އަހަރުގެ މުހައްމަދު ޖައިލަމް މިރޭ ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގިގެން ޖައިލަމް ހޯދަން ފުލުހުން އިއުލާނު ކުރީ މިއަދެވެ. އޭރު ފުލުހުން ބުނީ މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެގެ ހެނދުނު 10:54 ހާއިރު ކަމަށެވެ.

ޖައިލަމް ދިރިއުޅެމުން ދިޔައީ ހުޅުމާލެ ފޭސް 2 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޖައިލަމް އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ ގެއްލިގެން ހޯދަމުންދިޔަ ޖައިލަމް މިރޭ 07:14 ހާއިރު ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި ޖައިލަމްގެ ހާލު ރަނގަޅު ކަމަށެވެ.