މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގިގެން ޒުވާނަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ސ. ހުޅުދޫ، ސީނިއަސްރުމާގެ އުމުރުން 34 އަހަރުގެ މުހައްމަދު ޖައިލަމް ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ހެނދުނު 10:54 ހާއިރު ކަމަށާއި އޭނާ ދިރިއުޅެމުން ދިޔައީ ހުޅުމާލެ ފޭސް 2 ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޖައިލަމް އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ޖައިލަމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.