ގާތްގަނޑަކަށް 4 ބިލިއަނެއްހާ މީހުން މިހާރުވެސް ބޭނުން ކުރާ އަދި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް އެޕް، ޓިކްޓޮކް ގައި ލޭންޑްސްކޭޕް ކޮށް ވީޑިއޯ ހެދޭނެ ގޮތް ޓެސްޓް ކުރަން ފަށައިފިއެވެ.
މިހާތަނަށް ހުރިހާ ވީޑިއޯއެއް ވެސް ޕޯޓްރެއިޓް ކޮށް ކުރެވުނު ނަމަވެސް އަލަށް ޓެސްޓް ކުރާ ފީޗާގައި ލޭންޑްސްކޭޕް ކޮށް 10 މިނެޓް ގެ ވީޑިއޯ އެއް ކުރެވޭނެއެވެ. އަދި ފުލް ސްކްރީން މޯޑުގައި ވެސް ބެލޭނެއެވެ. މިހާތު ވީޑިއޯ އެއް ކުރެވޭ އެންމެ ދިގު މިނަކަށް ދީފައި އޮންނަ 3 މިނެޓް، 10 މިނެޓަށް ބަދަލުވުމުން ޓިކްޓޮކް ބޭނުން ކޮށްގެން ވީޑިއޯ ކްލިޕްތައް ހަދާ އަދި ކުރުކުރު ފިލްމްތައް ހަދާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވާނެއެވެ.
މިހާރު ވީޑިއޯ ހަދަން ލިބޭ ވަގުތުގެ ކުޑަކަމުން ޓިކްޓޮކް ބޭނުން ކުރާ ގިނަ ފަރާތްތަކުން މިހާރު ކުރާ ޝަކުވާ އަށް މި ބަދަލާއެކު ހައްލު ލިބޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އަދި ޓިކްޓޮކްގެ މި އާ ފީޗާ ނުވަތަ ބަދަލަކީ، އެންމެ މަގުބޫލު ވީޑިއޯ ޕްލެޓްފޯމް ޔޫޓިއުބާ ވާދަކުރާނެ ބަދަލަކަށް ވާނެ ކަމަށާއި، ޓިކްޓޮކް އައުމާއެކު މިހާރުވެސް އެތައްހާސް ޔޫޒާއެއް (މީހުން) ޔޫޓިއުބު ވަނީ ދޫކޮށްލާފައެވެ. އެ ގެއްލުމާ ކުރިމަތިލާ ޔޫޓިއުބުން ވަނީ "ޝޯޓްސް" ގެ ނަމުގައި ޓިކްޓޮކާ ދާދި އެއްގޮތަށް ކުދިކުދި ކްލިޕް ހަދާ އަޕްލޯޑް ކުރެވޭ ފީޗާ ދީ، ޔޫޓިއުބްގެ ޔޫޒާސް އެ ޕްލެޓްފޯމްގައި ހިފަހައްޓަން މަސައްކަތް ކޮށްފައެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ޔޫޓިއުބުގެ އެ ބަދަލާ އެކު، ބައެއް ޔޫޒާސް، ޔޫޓިއުބުގައި މަޑުކުރި ނަމެސް ޒުވާނުންގެ މެދުގައި ޓިކްޓޮކްގެ މަގުބޫލުކަން ބޮޑުވަމުން ދާ މިންވަރަށް ބަލާ އިރު ޔޫޓިއުބަށް އެއީ ބޮޑު ގޮން ޖެހުމެކެވެ.
ޗައިނާއަށް ނިސްބަތްވާ ކުންފުނި، ބައިޓްޑާންސްގެ ޓިކްޓޮކް އަކީ މިއަދު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ އެޕަކަށް ވާއިރު، ޓިކްޓޮކާ ހެދި ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނެ އެމެރިކާ އާއި އޮސްޓްރޭލިއާ އަދި އިންޑިއާގެ އިތުރުން ޓައިވާނުގައި ޓިކްޓޮކް ބޭނުން ކުރުމަށް ވަނީ ހުރަސްއަޅާ ބައެއް ޑީވައިސްތަކަށް ނުފެންނަ ގޮތް ހަދާފައެވެ. އެެމެރިކާގައި ޓިކްޓޮކް އެއްކޮށް މަނާ ކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މިހާރު ވަނީ ބިލެއްވެސް ހުށަހަޅާފައެވެ. އިންޑިއާ އާއި ޗައިނާ އާ ދެމެދު އޮތް އަސްކަރީ ދެބަސްވުމަކާ ހެދި 2020 އިން ފެށިގެން އިންޑިއާގައި ޓިކްޓޮކް ބޭނުމެއް ނުކުރެވެއެވެ.