މިދިޔަ އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ހުންނަ ޗައިނާ ކޮންސުލޭޓު ދޮރުމަތީ ހިނގި ހަމަނުޖެހުމެއްގައި އެ ކޮންސުލޭޓަށް ވަންނަން އުޅުނު ބައިވެރިއަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ވި 6 ޑިޕްލޮމޭޓަކު އަންމުރާ ގައުމަށް ގެންގޮސްފިއެވެ.

އެ ކޮންސުލޭޓުގެ އެންމެ އިސް އެއް އޮފިޝަލް ހިމެނޭހެން 6 މީހަކު އަނބުރާ ޗައިނާއަށް ގެންދިޔައީ، އެ 6 މީހުންގެ ޑިޕްލޮމެޓިކް އިމިނުނިޓީ ހިފަހައްޓައި ތަހުގީގަށް ބަޔާން ނެގޭނެ ގޮތް ހަދައިދޭން އިނގިރޭސި ސަރުކާރުން އެދިފައި ވަނިކޮށެވެ.

ގައުމުތަކުގައި ތިބޭ އެ ގައުމުން ބޭރުގެ ޑިޕްލޮމޭޓުންނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ގިނަ ކަންކަމުން އިސްތިސްނާ ވާ ބައެކެވެ. އެފަދަ މީހުންނަށް ލިބޭ އިމުނިޓީ (ޑިޕްލޮމެޓިކް ރައްކާތެރިކަން) އޮންނަހާ ހިނދަކު ކުށެއްގެ ތުހުމަތުވިޔަސް ސުވާލުކޮށް ހެދޭނީ އެމީހަކު ނިސްބަތްވާ ގައުމަކުން އެ ހުއްދަ ދިނުމުންނެވެ.

މި މައްސަލައިގައި އަނބުރާ ގެންދިޔަ ޑިޕްލޮމޭޓުންގެ ތެރެއިން އެ ކޮންސުލޭޓުގެ ވެރިއަކަށް ހުންނެވި ޒެންގް ޒިޔުއާން ވިދާޅުވީ އޭނާ އެއްވެސް މީހަކަށް ހަމަލާ ނުދޭ ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގި ދުވަސް ވަރު އާންމުވި ފޮޓޯތަކުން ފެންނަ ގޮތުން ޒެންގް ވެސް އިހުތިޖާޖުގެ ބައިވެރިންނާ ކުރިމަތިލައްވައެވެ. ޑިމޮކްރަސީއަށް ގޮވާލައި އަޑުއުފުލާ ހޮންކޮންގް ދަރިކޮޅުގެ ބަޔަކު އެ ކޮންސުލޭޓަށް ވަންނަން މަސައްކަތް ކުރުމުން ކޮންސުޅޭޓެ ތެރެއިން ނިކުތް އޮފިޝަލުންގެ ތެރޭގައި ޒެންގެ ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ކޮންސުލޭޓް ތެރެއަށް އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން މީހަކު ދަމައިގަންނަ މަންޒަރާއެކު ކޮންސުލޭޓު ގޭޓާއި ދޭތެރެއިން މީހުންނަށް އަނިޔާވެސް ވެއެވެ. އަދި އެންމެ ބޮޑަށް އަނިޔާވ އެކަކު ކޮންސުލޭޓުގެ ގޯތި ތެރެއަށް ގަދަކަމުން ވައްދާ އަނިޔާ ކުރި އިރު އެމީހާއަށް އަނިޔާ ކުރާ ފެންނަ ފޮޓޯވެސް ވަނީ އާންމު ވެފައެވެ.

މެންޗެސްޓާ ކޮންސުލޭޓަށް ގަދަކަމުން މީހަކު ވައްދާ އަނިޔާ ކުރަނީ

މި މައްސަލައިގައި އޭނާ އިތުރަށް ވިދާޅުވީ، އިހުތިޖާޖު ކުރި މީހުން، އޭނާގެ ލީޑަރު (ޗައިނާގެ ރައީސް) އަށް ކުޑައިމީސް ކުރި ކަމަށާއި ގައުމާއި ލީޑަރަށް ތުހުމަތުތައް ކޮށް ހެދީމައި ގައުމާއި ލީޑަރު ސަލާމަތް ކުރުމަކީ އޭނާގެ ޑިއުޓީއެއް ކަމަށެވެ.

ޗައިނާއިން ޑިޕްލޮމޭޓުން މި ގެންދިޔައީ މިހާރުވެސް ޗައިނާ އާއި އިނގިރޭސިވިލާތާ ދެމެދު ނުތަނަވަސް ވެފައި ވާ މަޝްރަހަށް ފިނިކަމެއް ގެނައުމަށް ކަމަށް މުރާސިލުން ބުނެއެވެ.

ޗައިނާގެ ކޮންސުލޭޓުގެ މިހާދިސާގެ އިތުރުން ޗައިނާގެ ޝެންގްހާއީގައި ކޮވިޑް ޒީރޯ ސިޔާސަތާ ގުޅުގެން އާންމުން ކުރަމުން ދިޔަ މުޒާހަރާތައް ކަވަރު ކުރަން އުޅުނު ބީބީސީގެ ރިޕޯޓަރަކު މިދިޔަ މަހު ހައްޔަރު ކޮށް އޭނާ އަށް އަނިޔާ ކުރި ކަމަށް ބުނެ، ޗައިނާ އާ އެކު އޮތް (ގޯލްޑަން އީރާ) ޒަމާންވީ ގުޅުން ނިމިއްޖެ ކަމަށް އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނާކް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ޔޫކޭއިން ގަބޫލު ކުރާ ހަމަތަކާއި ޔޫކޭ އިން ބޭނުންވާ ކަންކަމަށް ޗައިނާގެ ސިޔާސަތުން ހުރަސް އެޅޭ ކަމަށާއި އެއީ މުޅި ނިޒާމަށް އޮތް ގޮންޖެހުމަކަށް ވެއްޖެ ކަމަށެވެ. ގައުމުގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ސުނާކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު، ޒަމާންވީ ވިޔަފާރީގެ ގުޅުމެއް އޮތް ޗައިނާ އާ ގުޅުން ކަނޑާލި ވާހަކަ ވިދާޅުވުމުން އޭނާގެ ޕާޓީގެ ބައެއް މެންބަރުންނަށް ވަނީ އެކަން ވަރަށް ކަމު ގޮސްފައެވެ.