އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލޭން ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަސް ކަމަށް ވެސް އެ މިނިސްތްރީން ބުނެއެވެ.

އެ މުއްދަތުގެ ތެރޭގައި ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 12 އާ ދެމެދު އެ މިނިސްޓްރީން ފޯމު ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފަިއވާ ކަން އަންގާފާއި ނުވާ ފަރާތްތަކަކީ މިވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭނެ ބައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އެމީހުން ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ އާއިލާތަކުގައި އަންނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހަށް 18 އަހަރު އަދި 65 އަހަރު ފުރޭ މީހެއް ހިމެނޭ ނަމަ އެ އާއިލާއަކުން އަލުން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފަގީރުންގެ ދަފްތަރުގައި ޖެހުމަށް ފުރަން ޖެހޭ ފޯމް އިސްލާމިކް މިނިސްތްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެކަމަށް ހާއްސަކޮސް ގާއިމް ކުރާ ކައުންޓަރު ތަކަކުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓުގައި މާލެ ސަރަހައްދުން 1782 މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.