ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓުކޮށްފައި ވަނީ މިރޭ 08:46 ހާއިރު ކަމަށާއި މިހާރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ. މި ހާދިސާގައި އަނިޔާވި ދިވެހި ފިރިހެނަކަށް ކަމަށާއި އެމީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި އަނިޔާވި މީހާގެ ހާލަތު ވެސް ސާފުވެފައެއް ނުވެއެވެ.

މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާ، އެކަކަށް ފަރުވާ ދެމުންދާ އިރު މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 10 މީހުން މަރުވެފައެވެ. އެ އެންމެންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާ އާއިލާއާ ހަވާލުކޮށްފައިވާއިރު އެއީ މި ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާއެވެ.