ލ. ގަމު ތުނޑީ އަވަށުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި މިސްކިތަކީ ސަރުކާރުން 16.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތެއް ކަމަށެވެ.

މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރާމިސްކިތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީއެވެ. ފެޑޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.

މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ، މިހާރު އަލަށް އިމާރާތްކުރެވޭ މިސްކިތްތަކަކީ ތަފާތު ރީތި ޑިޒައިންތަކަށް ބިނާކުރެވޭ އިމާރާތްތަކެއް ކަމަށެވެ. އަދި އެ ޑިޒައިންތަކާއި އެއްގޮތަށް، ކޮލިޓީކޮށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން ބާރުއަޅުއްވާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.