ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަށް މަންތާ އެއާ އިން 12 ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއި ގައުމީ އެއާލައިން މޯލްޑިވިއަނަށް ފަހު ފުޅާކޮށް ސީޕްލޭންގެ ހިދުމަތްތައް ދެމުންދާ މަންތާ އެއާ އިން ބުނީ، އެ އެއާލައިނުން ހޯދަމުން ދަނީ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ 12 ބޯޓު ކަމަށެވެ.

މަންތާ އެއާ އިން ބުނި ގޮތުގައި، އެ އެއާލައިނަށް އިތުރުކުރެވޭ 12 ބޯޓުގެ ސަބަބުން އެ އެއާލައިނުން ދެމުން ގެންދާ ސީޕްލޭންގެ ހިދުމަތް ދެ ގުނަ ބޮޑުވެ، ގައުމީ އެއާލައިން މޯލްޑިވިއަނަށް ވުރެ ސީޕްލޭން ދަތުރުތައް ދެގުނަ އިތުރުވެގެން ދާނެއެވެ.

އެ އެއާލައިނުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 12 ބޯޓު ލިބި، ހިދުމަތްތައް ފުޅާވެގެން ދާނެއެވެ.

އެހެންކަމުން، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، މަންތާ އެއާ އިން ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށް ހުޅުވާލައިފައެވެ.

ސީޕްލޭންގެ ހިދުމަތުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ބައެއް ދަތުރުތައް ވެސް މަންތާ އެއާ އިން ކުރެއެވެ. އެ އެއާލައިނުން ބުނީ ކުރިއަށް ހުރި ދުވަސްތަކުގައި ބޭރު ގައުމުތަކަށް ވެސް އެ އެއާލައިނުން ދަތުރުތައް ފަށާނެ ކަމަށެވެ.

މިހާރު ވެސް 30 ރިސޯޓަކަށް ފަތުރުވެރިން އުފުލަމުންދާ މަންތާ އެއާ އިން ސީޕްލޭންގެ ދަތުރުތައް ފަށާފައި ވަނީ 2019 ގައެވެ. އެ އެއާލައިންގެ ސީޕްލޭން ފްލީޓުގައި މިހާރު ވެސް 16 ބޯޓު އެބައޮތެވެ.