އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެ މައްސަލާގެ އަޑުއެހުން މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށްފައިވަނީ އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް ވަޑައިގެންފައިވާތީއެވެ.

ހެކިވެރިން ކޯޓަށް ހާޒިރުނުކުރެވި މީގެ ކުރިންވެސް މި މައްސަލާގެ ގިނަ އަޑުއެހުންތަކެއް ވަނީ ކެންސަލް ކޮށްފައެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެ މީހެއްގެ މައްޗަށް އުފުލާފައެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ. އަދި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލައިފާ ވަނީ ގަސްތުގައި މީހަކު މެރުމަށް އެހީތެރިވުމުގެ ދައުވާއެވެ.

އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ.

މީގެ ކުރިން ސީން އޮފް ކްރައިމްސް އޮފިސަރު އަޝްފާގް ހަސަން މީގެ ކުރިން ވަނީ އާގިލްގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރި ކަމަށާއި، ވާއަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.