ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް މިރޭ އާޖެންޓީނާއާ ކްރޮއޭޝިޔާ ނިކުންނަ އިރު ދެ ޓީމުގެ ތަޖުރިބާކާރު ކެޕްޓަނުންނަށް ގިނަ ބައެއްގެ ނަޒަރު ހުއްޓޭނެ ކަން ޔަގީނެވެ.
މިއީ އާޖެންޓީނާގެ ކެޕްޓަން އަދި ތަރި ލައިނަލް މެސީ އާއި ކްރޮއޭޝިޔާގެ ކެޕްޓަން އަދި ރިއާލްގެ ލެޖެންޑް ލޫކާ މޮޑްރިޗްގެ ވެސް ފަހު ވޯލްޑްކަޕަށް ވާނެ އިރު މިދެ ކުޅުންތެރިންނަކީ ވެސް މެޗުގެ ނަތީޖާއަށް ނުފޫޒު ފޯރުވޭނެ ފަދަ މުހިންމުު އަދި ތަޖުރިބާކާރު ދެ ކުޅުންތެރިންނެވެ.
މެސީ އާއި އާޖެންޓީނާ
މި ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަތުން 2-1 އިން ބަލިވި މެޗަށް ފަހު އާޖެންޓީނާ ޓީމަށާއި މެސީއަށް ވެސް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެހެން ނަމަވެސް އޭނގެ ފަހުން މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އާޖެންޓީނާ ސެމީއަށް ދަތުރުކުރި އިރު އެންމެ މެޗެއް ފިޔަވާ ހުރިހާ މެޗެއްގައި ވެސް މެސީގެ ލަނޑެއް ފެނިގެން ދިޔައެވެ.
އާޖެންޓީނާގެ ޒުވާން ކުޅުންތެރިންނަށް އިރުޝާދު ދެމުން މުޅި ޓީމަށް ހިތްވަރު ދެމުން މިމުބާރާތުގައި މެސީ މިހާތަނަށް ވެސް ދައްކާފައިވަނީ މޮޅު ކުޅުމެކެވެ. ގްރޫޕް ސްޓޭޖްގައި މެކްސިކޯ ކޮޅަށް ޖަހާ ދިން ލަނޑާ ދެވަނަ ބުރުގައި އޮސްޓްރޭލިޔާ ކޮޅަށް ޖެހި ލަނޑު ވެސް ފާހަގަކޮށްލެވޭ އިރު ކުއާޓާގައި ނެދެލޭންޑްސްއާ ކުޅުނު މެޗުގައި ފެނިގެން ދިޔަ މެސީގެ އެސިސްޓަކީ ވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.
މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް އާޖެންޓީނާ ގޮވައިގެން މެސީ ސެމީއަށް ނިކުންނަ އިރު މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް އެރުމުގެ ފުރުސަތު ވެސް އޭނާއަށް އެބަ އޮތެވެ. މުބާރާތުގައި މެސީ މިހާތަނަށް 4 ލަނޑު ޖެހި އިރު ގަތަރު 2022 ގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފްރާންސްގެ ކިލިއަން މަމްބާޕޭގެ ނަމުގައި އޮތީ 5 ގޯލެވެ.
އެހެން ކަމުން އާޖެންޓީނާ ހަ ވަނަ ސެމީއަކަށް އަދި ތިން ވަނަ ތައްޓަކަށް ގެންދިއުމުގައި މެސީ އަދާކުރާނެ ރޯލު ވަރަށް ވެސް ބޮޑެވެ.
ކެޕްޓަން މޮޑްރިޗާ ކްރޮއޭޝިޔާ
ކްރޮއޭޝިޔާއަކީ މިމުބާރާތުގައި މިހާތަނަށް ބަލި ނުވެ އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ގަދަ 16 ގެ ޓީމުތައް ހޮވިގެން ދިޔަ އިރު ވެސް ކުއާޓާގެ ޓީމުތައް ޔަގީންވީ އިރު ވެސް މުބާރާތުގެ ސެމީއަށް ކްރޮއޭޝިޔާ ދާނެ ކަމަށް އެއްވެސް މީހަކު ނުބުނާނެއެވެ. އެހެން ނަމަވެސް ކްރޮއޭޝިޔާ ސެމީއާ ހިސާބަށް އައިސްފައިވަނީ ހިތްވަރާ ބުރަ މަސައްކަތުންނެވެ. އެއީ ދެވަނަ ބުރުގައި ވެސް އަދި ކުއާޓާގައި ވެސް ކުޅުނު ދެމެޗުން ވެސް 1-0 އިން ބަލިވެފައި އޮވެ 1-1 އަށް ސްކޯ ހަދާ ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށްގެންނެވެ.
ކްރޮއޭޝިޔާއިން މުބާރާތުގައި ދައްކާފައިވާ ކުޅުމުގެ އެންމެ މުހިންމު ރޯލެއް އަދާ ކުރާ އެއް ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން އަދި އިންޖީން ލޫކާ މޮޑްރިޗްއެވެ. އުމުރުން 37 އަހަރުގެ މޮޑްރިޗްއަށް މި މުބާރާތުގައި އަދި ލަނޑެއް ޖެހިފައި ނުވާ އިރު އެސިސްޓެއް ކޮށްދެވިފައެއް ވެސް ނުވެއެވެ.
އެހެން ނަމަވެސް ކްރޮއޭޝިޔާގެ ފޯމޭޝަންއާ ކުޅުމަށް މޮޑްރިޗްގެ މުހިންމުކަން ފާހަގަވާނީ އެޓީމުގެ މެޗުތައް ބަލާ މީހުންނަށެވެ. މެސީއަކީ ލަނޑު ޖެހުމާ ލަނޑު އުފެއްދުމުގައި އުޅޭ ކުޅުންތެރިއެއް ނަމަވެސް މޮޑްރިޗަކީ އިދިކޮޅު ޓީމުގެ ހަމަލާތައް ނާކާމިޔާބުކޮށްލާ ޑިފެންސްގެ ހިމާޔަތުގައި ކުޅޭ ކުޅުންތެރިއެކެވެ. މެޗަށް ފަހު ލަނޑު ޖަހާ ކުޅުންތެރިންނާ ލަނޑު އުފައްދާ ކުޅުންތެރިންގެ ނަންތައް ފަލަ ސުރުހީތަކަށް އަރާ އިރު މޮޑްރިޗް ފަދަ ކުޅުންތެރިންގެ މުހިންމުކަން ވިސްނޭނީ އެކުގައި ކުޅޭ ކުޅުންތެރިންނަށެވެ.
ކްރޮއޭޝިޔާގެ އަމާޒަކަށް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި 3-0 އިން އާޖެންޓީނާ ބަލިކުރި ނަތީޖާ ތަކުރާރު ކުރުމަށެވެ. އެހެން ނަމަވެސް މިއީ އޭރުގެ އާޖެންޓީނާއެއް ވެސް ނޫނެވެ. އަދި މިއީ އޭރުގެ ޒުވާން ކްރޮއޭޝިޔާ ޓީމެއް ވެސް ނޫނެވެ.