ހދ. ނޮޅިވަރަމްފަރުގެ ސަހަރާ ކޮނުމުގެ ހުއްދަ ނުދޭން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް ބުނެ، އެ ރަށު ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.
ސިހުރުގެ މައްސަލައެއްގައި ނޮޅިވަރަމްފަރުގެ ސަހަރާ ކޮނެ ބަލާ ފާސްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، ސަހަރާ ކޮނެ ޗެކުކޮށްފައި ވަނީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށާއި، އެކަމުގައި ނޮޅިވަރަމްފަރުގެ ކައުންސިލްގެ އެއްބާރުލުމާ ވެސް އެކުގައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ސަހަރާ ޗެކުކޮށްފައި ވަނީ ކައުންސިލަށް މައުލޫމާތު ހިއްސާކުރުމަށްފަހުގައެވެ.
ނަމަވެސް ފުލުހުން މީޑިއާ އަށް ދިން މައުލޫމާތު ދޮގުކޮށް، ނޮޅިވަރަމްފަރުގެ ފަސް ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނީ، ރޭ 11:30 ހާއިރު ފުލުހުންގެ ހާޒިރުގައި އެ ރަށުގެ ސަހަރާ އަށް އާންމުންގެ ބަޔަކު ވަދެ ރުގްޔާކުރުމުގެ ނަމުގައި ސަހަރާ ކޮނެފައި ވަނީ ކައުންސިލަށް ނޭނގި ކަމަށާއި، އެކަމުގެ މައުލޫމާތު ލިބުމުން ކައުންސިލުން ސަހަރާ އަށް ދިޔަ ކަމަށެވެ.
ސަހަރާ ކޮނުމުގެ ހުއްދަ އަށް އެތައް ފަހަރެއްގެ މަތިން އެފަރާތުން ހުއްދަ އަށް އެދިފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނި ގޮތުގައި އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ލަފައެއް އެ ކައުންސިލުން ވަނީ ހޯދައިފައެވެ. އެގޮތުން ޝަރުއީ ރުގްޔާގައި ސަހަރާ ކޮނުމެއް ނޯންނާނެ ކަމަށާއި، އެކަން ކުރުމަށް ހުއްދަ ނުދިނުމަށް އެ މިނިސްޓްރީން ލަފާދީފައިވާތީ އެކަމަށް އެދުނު ފަރާތަށް އެކަން އަންގާފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެ އަމަލު ކުށްވެރިކޮށް، ފުލުހުން މިފަދަ އަމަލުތައް ހިންގުމަށް އެއްބާރުލުންދޭ ކަމަށް ކައުންސިލުން ތުހުމަތު ކުރެއެވެ. އަދި އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރުތަކަށް އަރައިގަތުން ކަމަށް ވެސް ނޮޅިވަރަމްފަރުގެ ކައުންސިލުން ސިފަކުރެއެވެ. އެއާއެކު، މި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމްފަރުގެ ސަހަރާ ރޭ ކޮނެފައި ވަނީ ސިހުރު ޖެހިފައި ހުރި ކުއްޖެއްގެ ހާލު ވަރަށް ބޮޑަށް ދެރަވެގެން ކަމަށް ބުނެއެވެ. އަދި ސިހުރު ހަދާފައިވާ ހިރި ގަލެއް ސަހަރާ ކޮނެ ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަދި ސިހުރު ޖެހިފައި ވަނީ ނޫސްވެރިއަކަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ސިހުރު ޖެހިފައި ވަނީ އޭނާ މަސައްކަތް ކުރި މާހައުލުން ކަމަށާއި، ސިހުރު ޖެހުނު ފަހުން އެކުއްޖާ ސަހަރާއަށް ވެސް ދާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.