ފަންޑިތައެއްގެ މައްސަލައެއްގައި ހދ. ނޮޅިވަރަމްފަރުގެ ސަހަރާ ބަލާފާސްކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނޮޅިވަރަމްފަރު ސަހަރާ ރޭގެ ވަގުތެއްގައި ބަލާފާސްކޮށްފައިވާ ކަމަށެވެ.

މިކަން ކޮށްފައިވަނީ އެރަށު ކައުންސިލްގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، އިތުރަށް މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކައުންސިލްގެ އެހީތެރިކަމާއެކު ސަހަރާ ބަލާފާސްކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ކައުންސިލުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެކަން ކުރީ ކައުންސިލަށް ނޭނގި ކަމަށް ކައުންސިލުން ބުނަމުން ދާއިރު ފުލުހުން ބުނީ ސަހަރާ ބަލާފާސްކޮށްފައި ވަނީ ކައުންސިލަށް މައުލޫމާތު ހިއްސާކުރުމަށް ފަހު ކަމަށެވެ.

ރޭ 11:30 ހާއިރު ފުލުހުން ތިބެގެން އާންމުންގެ ބަޔަކު އެރަށު ސަހަރާ ކޮނެފައި ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރަހާ ކޮނުނީ ފަންޑިތައެއްގެ ކަމަކަށް ވުރެ ބޮޑަށް ސިހުރު ޖެހިފައި ހުރި ކުއްޖެއްގެ ހާލު ވަރަށް ބޮޑަށް ދެރަވެގެން ކަމަށް ބުނެއެވެ.

އަދި ސިހުރު ހަދާފައިވާ ހިރި ގަލެއް ސަހަރާ ކޮނެ ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިހުރު ޖެހިފައި ހުރީ ނޫސްވެރިއަކަށެވެ. އޭނާއަށް ސިހުރު ޖެހިފައި ވަނީ އޭނާ މަސައްކަތް ކުރި މާހައުލުން ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ. މީގެ އިތުރުން ސިހުރު ޖެހުނު ފަހުން އެކުއްޖާ ސަހަރާއަށް ވެސް ދާކަމަށް މައުލޫމާތު ލިބެއެވެ.