ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުގައި ފްރާންސް އާއި މޮރޮކޯ ބައްދަލުކުރި މެޗު ގަތަރުގައި ލައިވްކޮށް ބަލާލުމަށް އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް އުރީދޫން ޓިކެޓް ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
އުރީދޫން ބުނީ، މި ހާއްސަ ލަކީޑްރޯއަކީ ސުޕާނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރާ ކަސްޓަމަރުން ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ ލަކީޑްރޯއެއް ކަމަށެވެ.
މި ލަކީޑްރޯ ކުރިއަށްގެންގޮސްފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 31، 2022 ގެ ނިޔަލަށެވެ.
އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވާފައިވަނީ ނޮވެމްބަރު 7، 2022 ގައި ރާއްޖެ ޓީވީއިން ރޯޑް ޓު ވޯލްޑްކަޕް ޝޯގައި ލައިވްކޮށް ކަމަށް އުރީދޫން ބުނެއެވެ. ނަމަވެސް ފުރަތަމަ ހޮވުނު ނަސީބުވެރިންގެ ތެރެއިން ބައެއްފަރާތްތަކަށް ދަތުރު ނުކުރެވޭތީ މިއަދު ރެޑްރޯ އެއް ނަގާފައިވާ ކަމައް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމާ ހާފިޒް ސައީދު ކަމަށެވެ.
ނަސީބުވެރިންނަށް ގަތަރަށް ރިޓާން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބެލުމަ ސްޓޭޑިއަމްގެ ޓިކެޓް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މި ހަތަރު ނަސީބުވެރި ފަރާތުން ގަތަރުގައި 4 ދުވަހާއި 3 ރޭ ތިބޭއިރު ފީފާ ވޯލްޑް ކަޕް 2022 ގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، ލަކީޑްރޯއަކީ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕް ގެ ތަޖުރިބާ އެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށެވެ.
މި ލަކީޑްރޯގެ އިތުރުން އުރީދޫން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ތައާރަފްކޮށްފައެވެ. މީގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއް ވެސް ބާއްވާފައެވެ.
ފީފާ ވޯލްޑް ކަޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފައެވެ.