ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާ ފައިސަލް އަލީ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ އާ ގުޅިގެން ފައިސަލް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ކަމަށެވެ.

ނިޝާމާގެ ހަށިގަނޑު މިހާރު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ އިރު އޭނާގެ ހަށިގަނޑު މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 12:30 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީންއަށް ގޮސްފައިވާ ކަމަށާއި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި ނިޝާމާ މަރާލުމަށް ފަހު ފައިސަލް ފުރައިގެން ދިޔައީ ކުޅުދުއްފުއްޓަށެވެ. އަދި އޭނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލައަށް ފުލުހުންނާ ހަވާލުވި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.