ނ. ވެލިދޫން ފުރައިގެން ށ. ގޮއިދޫއަށް ދަތުރު ކުރަމުން ދިޔަ "ހައިޝަމް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށް ދިއުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ދޯނި ދިޔަވެ އަޑިއަށް ގޮސްފައި ވަނީ ނ. ބޮޑުޅައިމަންދޫ ކައިރިން ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު މިއަދު 11:13 ހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް ލޯންޗާއި ށ. ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް އެ ސަރަހަށްދަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ 4 ދިވެހީންނާއެކު ދަތުރުކުރި 70 ފޫޓްގެ މި ދޯނި ދިޔަވެ އަޑިއަށް ދާން ފެށުމުން އެ ދޯނި ވަނީ ނ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައި ކަމަށެވެ.

މި ހާދިސާގައި ދޯނިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ގިނަ އަދަދެއްގެ މުދާ ހުރި އެ ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް ލޯންޗުން ނަގާފައިވާ ކަމަށެވެ. އަދި އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތުގައި ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.