އަންނަ އަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހޮވާ ނައިބު ރައީސްގެ މަގާމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު އިންތިހާބު ކޮށްފިއެވެ.

އދ ހެ ހިއުމަން ރައިޓްސް ކައުންސިލްގައި ހަތަރު ނައިބު ރައީސުން ތިއްބަވާ އިރު، އާސިމް އައްޔަން ކޮށްފައި މި ވަނީ އެތަނުން އެއް ނައިބު ރައީސް ގެ މަގާމަށެވެ.

އާސިމް ވަނީ ޔުނިސެފާއި އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްޔޯ) ގެ އދ. އެސްކެޕްގައި މަސައްކަތް ކުރައްވައިފައެވެ. ސޯޝިއޮލަޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާ އިން ޑިގްރީ އަދި ފިލޯސޮފީ އިން ޑިވެލޮޕްމަންޓް އިން މާސްޓާސް ހާސިލް ކުރައްވާފައިވާ އާސިމް ޕީއެޗްޑީ ހެއްދެވީ ސޯޝަލް ޕޮލިސީ އިންނެވެ.

އާސިމް މި މަގާމަށް އިންތިހާބުވެވަޑައިގެންފައި ވާ އިރު އދ ގެ ދެ ކައުންސިލަކަށް ކުރިމަތިލާން ރާއްޖެއިން ވަނީ ނިންމަވާފައެވެ. އެއީ 2033 ވަނަ އަހަރުން 2034 ވަނަ އަހަރަށް ހިންގާ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއާއި 2027 ވަނަ އަހަރުން 2028 ވަނަ އަހަރަށް ހިންގާ، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއެވެ.

އެ އިންތިހާބުތައް ރާއްޖެއިން ކާމިޔާބު ކޮށްފި ނަމަ، އެއީ މި މަގާމުތަކަށް ރާއްޖެ އިންތިހާބުވާ ފުރަތަމަ ފަހަރަށް ވާނެއެވެ.

ރާއްޖޭން ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ވެސް ފުރާފައެވެ. އެއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މަގާމު ދިވެއްސަކު ފުރުއްވި ފުރަތަމަ ފަހަރެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލިހުގެ ރައީސްކަމުގެ މަގާމު ފުރުއްވާފައި ވަނީ 2021 ޖޫން މަހުން ފެށިގެން 2022 ޖޫން މަހާ ހަމައަށެވެ.