ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަން ދެމެހެއްޓުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް ދެއްވުމަށް އެންވާރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ގޮވާލައްވައިފިއެވެ.
ޝައުނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، މި މަހުގެ 27 އިން ފެށިގެން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހަށް، ޕޯޗުގަލްގެ ލިޒްބަންގައި އދގެ އޯޝަން ކޮންފަރެންސްގެ އާންމު ބަހުސްގައި ދެއްވި ބަޔާނުގައެވެ. ޝައުނާ ވިދާޅުވީ، "ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމް ވޯކް 2020" އެކުލަވާލުމަށް ފަހުގައި ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ފައިދާ ކުރަނިވި ހަރުދަނާ އަވަސް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހިފައިވާ ކަމަށެވެ.
ދިވެހިންގެ ދިރިއުޅުން ކަނޑުތަކުގެ މައްޗަށް ބަރޯސާވެފައި ވާ ވަރު ފާހަގަ ކުރައްވަމުން ޝައުނާ ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސޯދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ތިންބައިކުޅަ ދެބައި އަދި ޖީޑީޕީގެ 60 އިންސައްތަ ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށް ކަމަށެވެ. އަދި ކަނޑުތަކަކީ ރާއްޖޭގެ ރައުސުލްމާލު ކަމަށާއި ދުނިޔޭގެ ކަންކޮޅުތަކުން ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރި ކުރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް ކަނޑުތައް ރައްކާތެރިކުރަންޖެހޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވިހަ މާއްދާތަކުން ތަޣައްޔަރުވަމުން ދިޔުމާއި، މަސްއައިންތައް ދަތުރުކުރާ ގޮތަށް ބަދަލުއައުމާއި، އެކަމުގެ ސަބަބުން ދިވެހިންގެ އަސާސީ ކާނާގެ ވަސީލަތްތަކަށް ކުރިމަތިވާނޭ ނުރައްކަލާ ގުޅޭ ގޮތުން ވެސް ޝައުނާ ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ފަރުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް ވެސް ވާހަކަ ދެއްކެވިއެވެ. އަދި ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް ކުނި ބުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ނިޒާމަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވައި، ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަން ދެމެހެއްޓުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް ދެއްވުމަށް މިނިސްޓަރު ޝައުނާ ގޮވާލެއްވިއެވެ.
މިނިސްޓަރ ޝައުނާ ފާހަގަކުރެއްވި ގޮތުގައި، ކަނޑުތަކުގެ ދިރުންތައް ނެތިވެ މަރުވަމުންދާއިރު އެކަންކަމަށް އަޅައިނުލައި ދޫކޮށްލައިގެން ތިބުން ދިވެހިން ނޭދޭ ކަމަށާއި، ކަނޑުތަކުގެ ނިޒާމާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޒަމާނުއް ސުރެ މަސްވެރިކަން ކުރެވެމުން އައި ގޮތަށް ބަލާއިރު، ދޮށީގެ މަސްވެރިކަން އަމާޒުވަނީ އެބަޔަކު ބޭނުންވާ މަސްތަކެއް ބޭނުމަށްކަން ފާހަގަކުރައްވައި، ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، ރިޕޯޓް ނުކުރެވޭ އަދި ނުބެލެހެއްޓޭ ގޮތެއްގައި ކުރެވޭ މަސްވެރި ކަމަކީ، ރާއްޖެ ފަދަ ކުދި ގައުމުތަކާއި އައްސޭރި ފަށުގެ މުޖުތަމައުތަކުގެ މަސްވެރިކަމުގެ ސިނާއަތަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޕޯޓްނުކުރެވޭ އަދި ބެލެހެއްޓުމެއް ނެތި ގަވާއިދާ ހިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމުގައި ބައިނަލްއަގްވާމީ މުޖުތަމައު އެކަތިގަނޑަކަށް ވުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ މައިގަނޑު ބައެއް މާކެޓްތަކުން ނަގާ ޓެރިފް ބޮޑު ކަމަށާއި، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި އިގްތިސޯދެއް އޮތް ފުދުންތެރި ގައުމަކަށް ވުމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގެ އެއްބާރުލުން ވެސް ރާއްޖެއަށް ބޭނުން ވާކަމަށެވެ.
ރައީސް ސޯލިހްގެ ނިންމެވުމާ އެއްގޮތަށް، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ 13 ބާވަތެއްގެ ޕްލާސްޓިކް ތަކެތި، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މުޅިން ހުއްޓާލުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާއިރު އޭގެތެރޭގައި ހިމެނޭ 14 އިންސައްތައަކީ މުރަކައިގެ ފަރުތައް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ޝައުނާ ވިދާޅުވީ، ކަނޑުތައް ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެއް ގައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ކަނޑުތައް ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ގައުމުތަކުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު ޝައުނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ މުރަކައިގެ ފަރުތައް ސަލާމަތް ކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިވިޔަނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.