ރަޝިއާ އިން ޔޫކްރައިން އަށް ދިން އަސްކަރީ ހަމަލާއަކީ އދ ގެ ޗާޓަރާ ހިލާފު ކަމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ޔޫކުރެއިނާ ބެހޭގޮތުން އދ ގެ އާންމު މަޖިލީހުގައި ބޭއްވި ކުއްލި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވަނީ ޔޫކްރައިންގެ ހާލަތު ވަރަށް ބާރުމިނުގައި ގޯސްވަމުން ދާތީ، ޔޫކްރައިންގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތަކާއި މެދު އެންމެންވެސް ނުހަނު ކަންބޮޑުވާކަން ފާހަގަ ކުރައްވާފައެވެ.

ރަޝިއާ އިން ދިން އަސްކަރީ ހަމަލާއަކީ ޔޫކްރައިންގެ ސަރަޙައްދީ ހަމަޖެހުމާއި އިސްތިގްލާލަށް އަރައިގަތުން ކަމަށާއި، އަދި އެއީ އދ ގެ ޗާޓަރާ ހިލާފު ކަމެއްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވަނީ މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް ވީހާވެސް ބޮޑަކަށް ހަނގުރާމައާއި ދިމާލަށް ނުދިޔުމަށް ގޮވާލާ ގޮވާލުން އާކޮށް، ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫއަވުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

އދގެ ޗާޓަރުގައި ހިމެނޭ "ސުލްހައަށް އެއްބައިވަންތަކަން" މި ނަމުގައިވާ ގަރާރު 377 (V) A ގައި ލާޒިމުކޮށްފައިވާ، އާންމު މަޖިލީހުގެ 11 ވަނަ ކުއްލި ހާއްސަ ޖަލްސާ ބޭއްވުމަކީ، އ.ދ.ގެ ލީޑާޝިޕަކީ، ސުލްހައާއި ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އަޅުގަނޑުމެން ހިދުމަތްކުރާ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް، މަސައްކަތްކުރާ ތަނެއްކަން ކަށަވަރުކުރުމަށް އދގެ ލީޑާޝިޕަށް ލިބޭ އާ ފުރުސަތެއް.
އަބްދުﷲ ޝާހިދު

ޝާޙިދު އިތުރަށް ވިދާޅުވީ މި ހަނގުރާމާގައި އަތުލައިގަނެވުނު އަންހެނުންނާއި، ކުޑަކުދިންނާއި، ފިރިހެނުންގެ ފަރާތުން އެމީހުންގެ ހައްގުގައި މަސައްކަތްކުރުމީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށް، ލިބެންހުރި ހުރިހާ ޗެނަލްތަކެއްގެ ބޭނުން ހިފައި ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓައި، ނުތަނަވަސްކަން ފިލުވާލާ، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދ ގެ ޗާޓަރުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކިލައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ލަސްނުކޮށް އެކުލަވާލެވުނު އދ ގެ ޗާޓަރަކީ، ގައުމުތަކަށް ލިބޭ، މިނިވަންކަމާއި، އިސްތިގްލާލާއި ހަމަހަމަކަމުގެ އުސޫލުގެ މައްޗަށް ބިނާވެފައިވާ ޗާޓަރެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ އެއީ ބިރުދެއްކުމުން އެކަހެރިވެ، ބާރުގެ ބޭނުން ނުކޮށް، މެންބަރު ގައުމުތަކުގެ މެދުގައި ދިމާވާ ބައިނަލްއަގްވާމީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރާ ދުނިޔެއެއް ބިނާކުރުމަށް ފަރުމާކުރެވިފައިވާ ޗާޓަރެއް ކަމަށެވެ.

މިހާރު ކުރިއަށްދާ އަސްކަރީ ހަމަލާތަކަކީ އެއާއި އެއްގޮތް ކަމެއް އޭގައި އެއްވެސް ވަރަކަށް ނުހިމެނޭ، އެއާއި ހިލާފަށް ހިނގާ ހަމަލާތަކެއްކަން ފާހަގަ ކޮށްލަން!
އަބްދުﷲ ޝާހިދު

ރަޝިއާ އިން އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އަރާފައި ވަނީ، ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމައެއްގެ އިންޒާރު ދެނިވި ފަދަ މޭރުމަކުން އަމަލުތައް ބެހެއްޓުމަށް ފަހުގައެވެ. ޔޫކްރައިންގައި ހިންގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އދގެ އާންމު މަޖިލީހުން ހޯމަ ދުވަހުގެ ރޭ ވަނީ ކުއްލި ބައްދަލުވުމެއް ފަށާފައެވެ. އދގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށާފައި ވާ އިރު، ރަޝިއާއިން ޔޫކްރައިން އަށް އެރި އެރުން ކުށްވެރި ކޮށް، އދގެ ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ފާސް ކުރަން އުޅުނު ގަރާރު، ރަޝިއާއިން ވަނީ ވީޓޯ ކޮށްފައެވެ.