އާޓިފިޝަލް އިންޓެލިޖަންސް ހިމަނައިގެން ހަދާ ޒަމާނީ ފައިޓާ ޖެޓެއް ހެދުމަށް އިނގިރޭސީންނާއި އިޓަލީ އަދި ޖަޕާނުން އެއްބަސްވެއްޖެއެވެ.

މިކަން އިއުލާން ކުރައްވާ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވީ އަލަށް ތަރައްގީ ކުރާ ފައިޓާ ޖެޓް މާކެޓަށް ނެރެވޭނެ ކަމަށް ބެލެވެނީ 2030 ގައި ކަމަށާއި މި މަޝްރޫއުގެ ސަބަބުން އިނގިރޭސިވިލާތުގައި އެތައްހާސް ވަޒީފާއެއް ވެސް އުފެދިގެން ދާނެ ކަމަށެވެ.

މި އާ އުފެއްދުން ހިދުމަތަށް ނެރުމާއެކު މިހާރު ބޭނުން ކުރާ ޓައިފޫން ޖެޓްތަކުގެ ބޭނުން ނިމޭނެއެވެ. އާ އީޖާދުގެ މަސައްކަތް މިހާރު ފަށާފައި ވާ އިރު، މި ބޯޓަށް ސްޓެލްޓެއް ގެ ސްޕީޑްގައި ދުއްވޭނެ ކަމަށާއި ޒަމާނީ އާ ހަތިޔާރުވެސް އުފުލޭނެ ކަމަށް ބުނެއެވެ.

އަދި ޕައިލެޓަކާ ނުލައިވެސް އުދުހުމުގެ ގާބިލުކަން ލިބުމުގެ އިތުރުން ހައިޕަސޮނިކް މިސައިލްވެސް ފޮނުވާލެވޭނެ ކަމަށް ބުނެއެވެ.

މި މަޝްރޫއަކީ އިނގިރޭސިން އިސްނެގި މަޝްރޫއެއް ނަމަވެސް ބޯޓެއް ހަދަން ދާ ހަރަދު ބޮޑު ކަމާއެކު އިނގިރޭސީންގެ ދައުވަތަކަށް އިޓަލީއާއި ޖަޕާން ބައިވެރިވާން ނިންމިއެވެ.

އިނގިރޭސިން މިފަދަ ޖެޓެއްގެ މަސައްކަތް އިއުލާން ކުރި އިރު، އެމެރިކާއިން ވަނީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ހިމަނައިގެން ސްޓެލްތެއް ހަދާ އާންމުކޮށް ދައްކާލާފައެވެ. އެމެރިކާއިން ތަރައްގީ ގޮތް އަސްކަރީ ހިދުމަތަށް މި ނެރޭ އާ ސްޓެލްތަކީ މީގެ ކުރިން ބޭނުން ކުރި ދެ ސްޓެލްތަށް ވުރެ ބޮޑުތަނުން އެޑްވާންސް އަދި ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމުގެ ގާބިލްކަން ހިމަނާ ތަރައްގީ ކުރި ސްޓެލްތެކެވެ.

30 އަހަރުގެ މަސައްކަތުން ތަރައްގީ ކުރި މި ސްޓެލްތުގައި ނިއުކްލިއާ ބޮން އެޅުމުގެ ގާބިލުކަމުގެ އިތުރުން އެހެން ހަތިޔާރު ބޭނުން ކުރުމުގެ ގާބިލުކަންވެސް ވަނީ ހިމަނާފައެވެ. އަދި އަލަށް އުފައްދާން ގަސްދުކޮށްފައި ވާ އާ ހަތިޔާރުވެސް ބޭނުން ކުރެވޭނެ ކަމަށް ބޯޓު ހަދަމުންދާ ކުންފުނި ނޯތްރޮޕް ގްރަމަންސް އިން ވަނީ ބުނެފައެވެ.

ބީ21 ރެއިޑާގެ ނަމުން ނަންދީފައިވާ މި ސްޓެލްތް ދައްކާލުމަށް ހުކުރުދުވަހު ކެލިފޯނިއާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ، މިއީ އެމެރިކާގެ އަސްކަރީ ގާބިލުކަމަށް ހުޝިޔާރު ކަމާއި އުފެއްދުންތެރި ކަމުން އިތުރު އެޓްވާންޓޭޖް ތަކެއް ލިބޭނެ ފެށުމެއް ކަމަށެވެ.

700 މިލިއަން ޑޮލަރުގެ އަގު ހުރި މީގެ 6 ބޯޓު މިހާރު ހަދަމުން ދާ އިރު، ކުރިއަށް އޮތް ތާނގައި މި މަރުކާގެ 100 ބޯޓު ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.