ޤާނޫނީ ވަކީލް މަހުފޫޒް ސައީދަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

ސެޕްޓެމްބަރު 4، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮލަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުލަތުން 4 މީހެއްގެ މައްޗަށް ދައުވާކުރި އިރު އެ މައްސަލައިގައި އަހުމަދު ރާއިދު، ހާލިދު ނަފީއު އަދި ފިރާޒު ޖައުފަރުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ހުސައިން ޝަފްރާޒް އިބްރާޙިމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އިއްޔެ އެ މައްސަލާގެ ހުކުމް ކުރިއިރު އެ މައްސަލައިގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލަ ސާބިތު ކުރުމަށް އެންމެ މުހިންމު އެއް ގަރީނާއަކީ ހަމަލާދިނުމަށް ބޭނުންކޮށްފައިވާ ހަތިޔާރުން ނެގޭ އިނގިލީގެ ނިޝާން ނުަވަތަ ފިންގާ ޕްރިންޓް ރިޕޯޓް ކަމަށާއި އެހެންނަމަވެސް މި މައްސަލައިގައި މިފަދަ ރިޕޯޓެއް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ ހުކުމުގައިވާ ގޮތުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯތަކެއްގެ ސްނެޕް ޝޮޓްތަކަކީ ވެސް އެ ހާދިސާ ހިނގި ސަރަހައްދާ މާ ދުރު ތަނަކުން ހުރި ކެމެރާއެއްގެ ސްނެޕް ޝޮޓްތަކެއް ކަމަށްވާތީ ހަމަލާދިން މަންޒަރު އެ ޝޮޓްތަކުން ނުފެންނަ ކަމަށާއި ހަމަލާދިން ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކުގެ އެނަލިސިސެއެއް ހަދާފައި ނެތް ކަމަށް ހުކުމުގައި ވެއެވެ.

ދައުވާލިބޭ ދެ މީހެއްގެ ފޯނު ކޯލް ޑީޓެއިލްސް ޗާޓުތަކެއް ދައުލަތުން ހުށަހެޅި ނަމަވެސް ހުކުމުގައިވާ ގޮތުން އެ ތަކެތި ހޯދީ ކޯޓު އަމުރެއްގެ ދަށުންކަން އެނގެން ނެތުމުން އެ ހެކިތަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށާއި ދައުވާލިބޭ މީހުން އެކަމުގައި ބައިވެރިވި ކަމަށް މަންޒަރު ފެނުނު އެއްވެސް ހެއްކަކު ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.