އެމްޓީސީސީން ފޯރުކޮށްދޭ އާރްޓީއެލް ހިދުމަތުގެ ތެރެއިން މާލޭގެ އޯކިޑް ރޫޓުގެ ބަހުގެ ހިދުމަތަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޓީސީސީން ބުނީ، މި ބަދަލުތަކާ އެއްގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 10 ވަނަ ދުވަހުން ކަމަށެވެ. އެ ގޮތުން ގެނެވުނު ބަދަލަކީ އޯކިޑް ރޫޓުން ބަހުގެ ހިދުމަތް ދެމުންދާ 2 ބަސް ހުއްޓިއެއް އުނިކޮށް އެ ރޫޓަށް 4 ބަސް ހުއްޓިއެއް އިތުރު ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އުނިކުރި ބަސް ހުއްޓި ތަކަކީ ވެސްޓް ޕާކް ސަރަހައްދުގައި ހުންނަ ބަސް ހުއްޓި އާއި މަޖީދީ މަގުގެ ސޯޝަލް ސެންޓަރު ކައިރީގައި ހުންނަ ބަސް ހުއްޓި ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން އެ ރޫޓަށް 4 ބަސް ހުއްޓިއެއް އިތުރު ކޮށްފައިވާ ކަމަށް ބުނާ އިރު، އެ ބަސް ހުއްޓިތަކަކީ ބޮޑުތަކުރުފާނު މަގާއި ކަނބާއައިސަރަނި ހިނގުމާއި އަމީނީ މަގަށް އިތުރު ކުރެވުނު ބަސް ހުއްޓިތައް ކަމަށް އެމްޓީސީސީން ބުނެއެވެ.
- ބޮޑުތަކުރުފާނު މަގު: ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓި
- ކަނބާއައިސަރަނި ހިނގުން: ސޯޝަލް ސެންޓަރު ބަސް ހުއްޓި
- ކަނބާއައިސަރަނި ހިނގުން: އައިޖީއެމްއެޗް ބަސް ހުއްޓި
- އަމީނީ މަގު: މާފަންނު ފެރީ ޓާމިނަލް ބަސް ހުއްޓި
މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައި ވަނީ ސެޕްޓެމްބަރު މަހު 5 ވަނަ ދުވަހުއެވެ. އެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭ އިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެއެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.
މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެެވެ.