އެސްޓީއޯގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ސްޓާފް އެވޯޑް ދީފިއެވެ.

މި އެވޯޑް ހަފްލާ ބާއްވާފައި ވަނީ ދަރުބާރުގޭގައެވެ. މިއީ ސްޓާފް އެވޯޑްގެ ނަމުގައި އެސްޓީއޯގައި މިފަދަ ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އެސްޓީއޯ އިން ބުނީ ސްޓާފް އެވޯޑްސް އަކީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ބޭއްވި އެވޯޑެއް ކަމަށެވެ. މީގެ އިތުރުން އެސްޓީއޯ ސްޓާފް އެވޯޑްސް އަކީ ކުންފުނީގެ ކުރިއެރުމަށް އެހީތެރިވޭ ފޯރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފެއް ދިނުމަށް ބޭއްވި ހަފްލާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން

އެވޯޑް ހާސިލް ކުރި ބައެއް މުވައްޒަފުން:

  • ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް: ސާވިސް ސަޕޯޓް ޓެކްނީޝަން، މުހައްމަދު ޖަލީލް
  • ސާވިސް އެކްސަލަންސް އެވޯޑް: ޕާމަސީ ކޯޑިނޭޓާ، ލުބުނާން އިބްރާހިމް
  • ސޭލްސް ފްރަންޓް ރަނާ އެވޯޑް:ސޭލްސް ކޯޑިނޭޓާ، އަބްދުﷲ އިހްސާން
  • ޓީމް ޕްލެޔާ އެވޯޑް: ސީނިއާ އައިޓީ ސަޕޯޓް ސްޕެޝަލިސްޓް، ހާމިދު ސައީދު

މީގެ އިތުރުން ބްރިލިއަންސް އެވޯޑާއި، އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑާއި، އައުޓްސްޓޭންޑިން އިނޮވޭޓާ އެވޯޑް ވެސް ވަނީ މި ހަފްލާގައި ދީފައެވެ. އަދި އިތުރު އެވޯޑްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑާއި، ހައިޕާ ހެލްޕާ އެވޯޑާއި، ސްޕޯޓްސް ސްޓާ އެވޯޑް އަދި އެމްޕްލޯއީ ޗޮއިސް އެވޯޑް ހިމެނެއެވެ.

އެސްޓީއޯ ސްޓާފް އެވޯޑްސްއަށް ބޭނުން މުވައްޒަފެއްގެ ނަން ހުށަހެޅުމަށް އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ފުރުސަތު ވަނީ ދީފައެވެ. އެގޮތުން އެވޯޑްތަކުގެ ޝަރުތުތަކުގެ ގޮތުގައި ބަލާފައިވާ މިންގަނޑުތަކުގެ ތެރޭގައި ނޮމިނޭޓްވާ މުވައްޒަފަކީ 2021، ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ 31 އަށް އެ ކުންފުންޏަށް ހިދުމަތް ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ނަން ހުށަހަޅާ ތާރީހުގައި، އެ މުވައްޒަފަކީ، ކުންފުނީގެ ފުލްޓައިމް މުވައްޒަފަކަށް ވާންވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މި އެވޯޑުތަކަށް މުވައްޒަފުން ނޮމިނޭޓް ކުރުން ކުރިއަށް ގެންގޮސްފައި ވަނީ ހާއްސަ ޕޯޓަލްއަކުން ކަމަށް އެސްޓީއޯ އިން ބުނެއެވެ. ނޮމިނޭޝަންއަށް ހުޅުވާލެވުނު މުއްދަތުގައި 598 ނޮމިނޭޝަން ލިބިފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެވޯޑުތަކަށް ނޮމިނޭޓްވެފައިވާ މުވައްޒަފުންގެ ނަންތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މި އެވޯޑަށް އެކުލަވާލި ހާއްސަ ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީ އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.