ޓްރަމްޕްގެ އާއިލީ ކުންފުންޏަކުން، ޓެކްހާ ގުޅޭ ގޮތުން އެމެރިކާގައި ހަދާފައި ހުރި ގާނޫނުތަކާ ހިލާފުވެއްޖެ ކަމަށް ނިއުޔޯކުގެ ކޯޓުން ކަނޑައަޅައިފިއެވެ.

ބިލިއަނަރު އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އާއިލާ އަކީ، ރިއަލް އެސްޓޭޓާއި، ރިސޯޓް ހޮޓާ ހިންގާ އަދި ގޯލްފް ކްލްބަތަކާއި އުމްރާނީ ދާއިރާތަކުގައި ދުނިޔޭގެ އެތަން މިތާނގައި ވިޔަފާރި ކުރާ ކުންފުނިތަކެއް ހިންގާ ބައެކެވެ. ނަމަވެސް މި ކުންފުނިތަކުގައި ޓްރަމްޕާއި އޭނާގެ އާއިލާގެ ބޭފުޅަކު ނުހިމެނުމަސް ޓްރަމްޕްގެ އެއްބަނޑު ބޭފުޅުން ތިއްބަވައެވެ.

މިފަހަރު ޓެކްހަށް މަކަރު ހަދާކަން ސާބިތު ވީ "ޓްރަމްޕް އޯގަނައިޒޭޝަން" ގެ މައްޗަށެވެ. އެއާއެކު އެ ކުންފުނިން ޖޫރިމަނާއެއްގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

މި ކުންފުނީގެ މައްޗަށް ކުށް ސާބިތުވި އިރު، ފާއިތުވި 10 ވަހަރަކަށް އަހަރު އެ ކުންފުނިން ވަނީ މާލީ ލިޔެކިޔުމެއް ނެތި އެކުންފުނީގެ އެންމެ އިސް ވެރިންނަށް އެކި ބާވަތުގެ މަންފާ ހޯދައިދީފައި ވާކަން ސަބިތުވެފައެވެ. އެގޮތުން ލަގްޒީ ކާރާއި އަމިއްލަ ސްކޫލްތަކަށް ފީ ދެއްކުންފަދަ ކަންކަން ކޮށް، އެގްޒެކެޓިވުންނަށް މުސާރައިގެ ގޮތުގައި ލިބޭ އަދަދު ދަށް ކަމަށް ދައްކާފައި ވާ ކަމަށެވެ. އެމެރިކާ އަކީވެސް އިންކަމް ޓެކްސް ނަގާ ގައުމެއް ކަމުން، ބޮޑެތި މުސާރަވެރިން ދައްކަން ޖެހޭ ޓެކްސް ބޮޑެވެ.

މި ހުކުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ކުރި ހުކުމެއް ކަމަށާއި އަދި ބޭނުމަކަށް ވަނީ ޓްރަމްޕާއި އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުގެ އަގު ވައްޓާލުން ކަމަށެވެ.

ނިއުޔޯކް އެޓާނީ ޖެނެރަލް ވިދާޅުވީ، ލޯނު ހޯދުން ފަސޭހަ ކުރުމަށާއި، ދައްކަން ޖެހޭ ޓެކްސްގެ އަދަދު މަދުކުރުމުގެ އިތުރުން މާލީ ގިނަ މަންފާތައް ހޯއްދެވުމަށް ޓްރަމްޕް ވަނީ ޓެކްހާއި، ލިބޭ އާމްދަނީގެ ހިސާބުތަކުގެ އިތުރުން އޭނާގެ އާއިލީ ޕްރޮޕަޓީސް ނުވަތަ މިލްކިއްޔާތާ ގުޅޭ ގޮތުންވެސް އޮޅުވާލައްވާފައި ކަމަށެވެ. އަދި އެކަމުގައި އޭނާގެ އާއިލީ ކުންފުނިން 200 އެތައް ދޮގެއް ހަދާ ނުވަތަ އޮޅުވާލައިފައި ވާކަން ފާހަގަ ކުރެވޭ ކަމަށްވެސް އޭޖީ ވިދާޅުވެއެވެ.

އޭޖީ، ޖޭމްސް ޓްރަމްޕާއި އާއިލާ އާ ދެކޮޅަށް އުފުލާ ދައުވާގެ މައިގަނޑު ބިނާ ކޮށްފައި ވަނީ ނިއުޔޯކްގައި ޓްރަމްޕް ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އެ ސްޓޭޓުން ރިއަލްއެސްޓޭޓް އުސޫލުން ގެދޮރާއި އިމާރާތް ގަތުން ޓްރަންޕަށް ފަސް އަހަރަށް މަނާ ކުރުމާއި 250 މިލިއަން ޑޮލަރު ދެއްކުމަށް އެންގުމެވެ.