އައްޑޫ ސިޓީގައި ސިފައިން ހަތިޔާރާއެކު ކުރިއަށް އޮތް ފަސް މަސް ދުވަހު ހަރަކާތްތެރިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެމްއެންޑީއެފްގެ މެރިންކޯގެ ތަމްރީންތަކެއް އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަަޖެހިފައިވާ ކަމަށާއި އެ ތަމްރީންތައް އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ދާނެ ކަމަށެވެ. އެ ތަމްރީން ކުރިއަށް ދާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީގައި މެރިންކޯގެ ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމާފައި މި ވަނީ، މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ސަލާމަތީ ބާރުތަކުން އިއުލާނު ކޮށްފައި ވަނިކޮށެވެ. އެ ހަމަލާ ނާކާމިޔާބުކޮށްލަން ނޮވެމްބަރު 12، އިން ފެށިގެން އައްޑޫ އާއި މާލެ އާއި ކަނޑުގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީބާރުތަކުން ކުރިއަށްގެން ދިޔަ އޮޕަރޭޝަނެއްގައި 13 މީހަކު ހައްޔަރު ކުރިއެވެ. އެ އެންމެނަކީ ވެސް އައްޑޫގައި ދިރިއުޅޭ މީހުންނެވެ.

ދޭތެރެ ދޭތެރެއިން ހަތިޔާރާ އެކު ސިފައިން މާލެއާއި އަދި މީހުން އުޅޭ ބައެއް ރަށްރަށުގައި ވެސް ތަމްރީން ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ. އެގޮތުން ތ އަތޯލޫގައި އާއި އައްޑޫ ސިޓީގެ ރަށްރަށުގައި މިއަހަރު ކުރީ ކޮޅު ވެސް ވަނީ ސިފައިން ހަތިޔާރާ އެކީ ތަމްރީން ތަކެއް ކުރިއަށް ގެންގޮސްފައެވެ.