އަންނަ އަހަރުން ފެށިގެން ހުރިހާ އުޅަނދުފަހަރުގެ ފީ ކައުންސިލްތަކުން ބަލައިގަންނަ ގޮތަށް ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ، މި މަހުގެ 31 އިން ފެށިގެން، ޓެކްސް އިދާރާ މީރާ އިން އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރުގެ ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.

އެ ސާކިއުލާގައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން ހުރިހާ އުޅަނދުފަހަރެއްގެ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް، އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ. އެ ސިސްޓަމް މެދުވެރިކޮށް ކައުންސިލްތަކަށް ފީ ޖަމާކުރެވޭނީ ކައުންސިލްގެ ބޭންކް އެކައުންޓުތައް ބަނޑޭރި ޕޭ އާ ގުޅުވާލުމުން ކަމަށް ވެސް އެ ސާކިއުލާގައިވެއެވެ.

ހަމަ އެއާއެކު، މި މަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާލާފައިވާ ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް އަންނަ އަހަރުން ފެށިގެން އެ ފީ ޖަމާކުރެވޭނީ އެލްޖީއޭ އިން އަންގާ ގޮތަކަށް ކަމަށާއި، އެ މުއްދަތުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާނުލާ ކައުންސިލްތަކަށް ދައްކާ ފީ ޖަމާވާނީ ޕަބްލިކް ބޭންކު އެކައުންޓުތަކަށް ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އެހެންކަމުން މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުގެ އެކައުންޓުތައް ބަނޑޭރި ޕޭ އާ ގުޅުވާލުމަށް ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގައިފައެވެ.