ބަރަހަނާ ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެ، ދެމަފިރިއަކު ބްލެކްމެއިލްކޮށް ބ. ތުޅާދޫގައި ފައިސާ ހޯދަން އުޅުނު މީހާ އަށް ފަސް ދުވަހުގެ ބަންދެއް ޖަހައިފިއެވެ

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެރޭ ތުޅާދޫން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އެ ރަށު ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ފަސް ދުވަސް އިތުރުކޮށްފައިވާ ކަމަށް، މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށް ބުނުން ފިޔަވައި އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ބްލެކްމެއިލް ކުރުމާއި، އޮންލައިންކޮށް އެކި ލިންކުތައް ފޮނުވައި މީހުންގެ އަތުން ފައިސާ ފޭރުން ފަދަ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެ ކަންކަމށް ސަމާލުވުމަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން އަބަދު ވެސް އެދެއެވެ.