ގަތަރުގައި ހިނގަމުން ދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފިއެވެ. ބްރެޒިލް ކުއާޓާ އަށް ދިޔައީ ރޭ ދަވަނަ ބުރުގައި ސައުތް ކޮރެއާ 4-1 އިން ބަލިކުރުމަށް ފަހުއެވެ.
މުބާރާތުގެ ފޭވަރިޓުން ކަމަށް ގިނަ ބަޔަކު ބުނާ ބްރެޒިލް އަށް މީގެ ކުރިން ކުޅުނު މެޗުތަކުގައި ޓީމުގެ އަސްލު ކުޅުން ދެއްކިފައި ނުވާ އިރު ރޭ އެޓީމުގެ ފަރާތުން ވަނީ އާދިޔާ ހިލާފު މޮޅު ކުޅުމެއް ފެނިފައެވެ.
މިގޮތުން ފުރަތަމަ ހާފްގެ 37 މިނެޓްގެ ތެރޭގައި އެޓީމުގެ ހަތަރު ލަނޑު ޖަހާ ނަތީޖާ ކަށަވަރު ކުރި އިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ 7 ވަނަ މިނެޓްގައި ވިނީސިއަސް ޖޫނިއާއެވެ.
މެޗުގެ 13 ވަނަ މިނެޓްގައި ނެއިމާގެ ޕެނަލްޓީއެއް ފެނުނު އިރު 29 ވަނަ މިނެޓްގައި ފެނިގެން ދިޔައީ ފޯވަޑް ރިޗާލިސަންގެ މޮޅު ލަނޑެކެވެ. ފުރަތަމަ މެޗުގައި އޭނާ ސާބިއާ ކޮޅަށް ޖެހި ލަނޑަށް މި ލަނޑު ދޫނުކުރެވެ.
އޭނގެ މާ ގިނަ އިރުތަކެއް ނުވެ މިޑްފީލްޑަރު ލޫކަސް ޕަކޭތާ ވެސް ވަނީ ހިތްގައިމު ލަނޑެއް ޖަހާފައެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައީ ބްރެޒިލްގެ ފޯވަޑުންގެ ފަރާތުން އެކަންޏެއް ނޫނެވެ. އެޓީމުގެ ކީޕަރު އެލިސަން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ.
ދެވަނަ ހާފްގައި ސައުތް ކޮރެއާއިން ވެސް ބްރެޒިލް ކޮޅަށް ލަނޑެއް ޖެހި އިރު މިލަނޑަކީ ވެސް ދުރުން ގޯލަށް ޖެހި ރީތި ލަނޑެކެވެ.
ބްރެޒިލްގެ މި ކާމިޔާބީއާއެކު ގަދަ 8 ގައި އެޓީމުން ކުޅެން ޖެހޭނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.