ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށަށް ގޮސް މި ދިޔަ ހަފްތާގައި ރިޕޯތް ކުރީ 14 ކޭސް ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ހަފްތާއަކު އާންމު ކުރާ ކޮވިޑް ކޭސްތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުގެ 27 އިން މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 3 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 2 މީހަކާއި އަދި އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި 9 މީހެކެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައި ވަނީ 3 މީހުން ކަމަށް ރިޕޯޓް ކުރާ އިރު އެ ބަލީގައި މިދިޔަ ހަފްތާގައި މީހަކު މަރުވެފައެއް ނުވެއެވެ. އެހެންކަމުން މިހާތަނަސް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ހުރީ 311 ގައި ހިފެހެއްޓިފައެވެ.
މިއީ މި އަހަރުތެރޭ އެންމެ މަދުން ކޭސް ރިޕޯޓް ކުރި ފަހަރު ވެސް މެއެވެ.
ކޮވިޑް ކޭސްތަކުގެ ރިޕޯޓްތައް ދައްކާ ގޮތުގައި މިއަހަރުގެ މެއި 1 އިން ފެށިގެން މިހާތަނަށް އެންމެ ގިނަ ކޭސް ފެނިފައި ވަނީ ޖޫން އަދި ޖުލައި މަހުއެވެ. އެ ގޮތުން ޖޫން މަހުގެ 19 އިން 25 އާ ދެމެދު 1202 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، ޖޫން މަހުގެ 25 އިން ޖުލައި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ވަނީ 1154 ކޭސް ރިޕޯޓް ކޮށްފައެވެ.
މެއި 1 ވަނަ ދުވަހުން ފެށިގެން މިއަހަރު ހަފްތާއަކު އެއް ފަހަރު ކޮވިޑް ކޭސްތަކުގެ ހިސާބުތައް ނެރެން ފެށި އިރު ކޭސްތައް ދަށަށް ދާން ފަށާފައި ވަނީ އޮގަސްޓް މަހުގެ 20 ގެ ފަހުންނެވެ. އޮގަސް މަހުގެ ފަހު ހަފްތާގައި 68 ކޭސް ރިޕޯޓް ކޮށްފައިވާ އިރު އޭގެ ފަހުން ކޭސްތައް ރިޕޯޓް ކުރާ އަދަދު 42 އިން 38 އަށް ވެއްޓިފައި ވެއެވެ. ނަމަވެސް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ ތެރޭގައި ކޮންމެ ހަފްތާ އަކު ކޮވިޑް ކޭސްގެ އަދަދުތައް ވަނީ 69 އާއި 95 އާ ދެމެދުގައި ރިޕޯޓް ކޮށްފައެވެ. އެއަ ށްފަހު އެ އަދަދު ދަށަށް ގޮސްފައި ވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އެ ހަފްތާގައި 35 ކޭސް ރިޕޯޓް ކޮށްފައި ވާއިރު އެ މަހުގެ ފަހު ހަފްތާގައި ވަނީ 34 ކޭސް ރިޕޓް ކޮށްފައެވެ. އޭގެ ފަހުން މިދިޔަ ހަފްތާގައި ވަނީ 14 ކޭސް ރިޕޯޓް ކޮށްފައެވެ.
ކޭސްތައް ދަށަށް ދާ މި ދުވަސްވަރަކީ ރާއްޖޭގައި ހުމާއި ރޯގާ އާއި ފާނަބަސަންދާއި ޑެންގީ އާއި ހޭންޑް ފުޓް އެންޑް މައުތް ފަދަ ބަލިބަލިތައް ގިނައިން ފެންނަމުން އަންނަ ދުވަސްވަރެކެވެ. މި ދުވަސްވަރު ބަލިވެގެން ޑޮކްޓަރަށް ދެއްކި ނަމަވެސް ކޮވިޑަށް ކޮންމެ ފަހަރަކު ޓެސްޓު ނުކުރާތީ ކޮވިޑް ޕޮޒިޓިވް ވިޔަސް ނޭނގޭނެއެވެ.
ކޮވިޑް ކޭސްތައް މަދުވާން ފެށި ހިސާބުން ރެންޑަމްކޮށް ޓެސްޓު ހެދުން ވަނީ ހުއްޓާލާފައެވެ. މިހާރު ކޮވިޑަށް ޓެސްޓު ކޮށްދެނީ ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރު ޓެސްޓު ހެދުމަށް ލަފާ ދިނުމުންނެވެ.