ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް މިހާތަނަށް މި އަހަރު ހުށަހަޅާފައިވާ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

"މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިން ދަ މޯލްޑިވްސް" ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ހަމީދު ވިދާޅުވީ، ސްކޭމްގެ މައްސަލަތަކަކީ އާންމުންގެ މެދުގައި ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް ކަމަށެވެ.

"ސްކޭމްގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް، ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލައެއް. މި އަހަރުގެ މިހާތަނަށް 998 ސްކޭމްގެ މައްސަލަތަ ހުށަހަޅާފައިވޭ. އަދި ޖުމްލަ 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވޭ."

ސްކޭމްގެ މައްސަލަތަކުގެ ސަބަބުން އިގްތިސޯދީ ނަޒަރަކުންނާއި ފަރުދުންނަށް ލިބޭ ގެއްލުން އަންދާޒާކުރަން ދަތި ކަމަށާއި، މުއައްސަސާތަކުން އެ ކަންކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ދެނެގަތުމަށްޓަކައި މުއައްސަސާތަކުން ބައިވަރު މަސައްކަތްތައް ކުރަން ޖެހެއެވެ. އެހެންކަމުން މިއީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، އަދި ސްކޭމާއި ފްރޯޑް ހުއްޓުވުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ސްކޭމްގެ މައްސަލަތައް ބެލުމަށް ފުލުހުން ހާއްސަ އިސްކަމެއްދޭ ކަމަށް ވިދާޅުވެ، ހަމީދު ވިދާޅުވީ، އެފަދަ މައްސަލަތައް ތަހްގީގުކުރުން އަވަސްކުރަން އާ ޕްރޮސީޖާ އެއް އެކުލަވާލައި ފުލުހުން އެއަށް ތަމްރީނުކުރަމުންދާ ކަމަށެވެ.