އީޔޫގެ ގައުމުތަކާއި ޖީ7 އަދި އޮސްޓްރޭލިއާ އިން ރަޝިއާގެ ތެޔޮ ގަންނާނެ އެންމެ މަތީ އަގަކީ 60 އެމެރިކާ ޑޮލަރު ކަމަށް ނިންމުމާއެކު ތެލުގެ ބާޒާރުގައި އަގު މައްޗަށް ޖެހިލައިފިއެވެ.

މީގެ ދެދުވަސް ކުރިން ޔޫރަޕުން އެ ނިންމުން އިއުލާން ކުރުމާއެކު މިއަދު ވަނީ ފީފާއަކުން 1 ޑޮލަރު އުފުލިފައެވެ. މިހާރު ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއް ލިބެން ހުރީ 86 އެމެރިކާ ޑޮލަރަށެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނގުރާމައާ ގުޅިގެން އެޅި ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ޔޫރަޕުން އެޅި މިފިޔަވަޅާއެކު، 60 އެމެރިކާ ޑޮލަރަށް ވުރެ މަތިން އެއްވެސް ފަރާތަކުން ތެޔޮ ގަނެފައި ވާނަމަ، އެ ތެޔޮ އީޔޫއާއި، ޖީ7 އަދި އޮސްޓްރޭލިއާ އަށް އެތެރެއެއް ނުކުރެވޭނެއެވެ. އަދި އެއާ ހިލާފަށް އީޔޫގެ ތެޔޮ ޓޭންކަރުތަކާއި އިންޝުއަރޭންސް ކުންފުނިތަކާއި ކްރެޑިޓް އެޖެންސީތަކުން އަމަލު ކުރާނަމަ ހަރުކަށި ފިޔަވަޅުވެސް އަޅާނެއެވެ.

އީޔޫގެ މި ފިޔަވަޅުގެ ސަބަބުން ރަޝިއާއަށް 2 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާ އިރު، ތެލާ ގުޅޭ ކަންކަމުގައި އިންޝުއަރޭންސް ދޭ ބައިނަލްއަގުވާމީ ގިނަ ކުންފުނިތައް ހުންނަނީ ޖީ7 ގެ ގައުމުތަކުގައި ކަމަށް ވުމުން، އިތުރު ދަތިތަކާވެސް ދިމަވާނެއެވެ.

ޖީ7 ގެ ގައުމުތަކަކީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ގްލޯބަލް ޕޭމަންޓް ސިސްޓަމްތައް ކޮންޓްރޯލް ކުރާ ގައުމުތައް ވެސް މެއެވެ. އެންމެ މުއްސަނދި 7 އިގުތިސޯދު، ޖީ7 ގައި ހިމެނެނީ ކެނެޑާ، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، ޔޫކޭ އާއި އެމެރިކާއެވެ.

ސައުދީ އަރަބިއްޔާ ނަގާފައި ދެވަނަ އަށް ތެޔޮ އުފައްދާ ދުނިޠޭގެ އެންމެ ބޮޑު ގައުމަކީ ރަޝިއާއެވެ. އަދި އެއީ މުޅި ޔޫރަަޕަށް ބޭނުންވާ ތެލުގެ 3 ވަނަ އަށް، އެންމެ ބޮޑު ސަޕްލަރުވެސް މެއެވެ.

އީޔޫ އިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެ އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވީ، އެ ފިޔަވަޅުގެ ސަބަބުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަމިއްލަފުޅު މާލީ ތަނަވަސްކަމަށް ސީދާ އަސަރު ކުރުމުގެ އިތުރުން ޔޫކްރައިން ހަނގުރާމައަށް ހަރަދު ކުރަން ލިބޭ ފައިސާ ދެން މަދުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރަޝިއާއިން ބުނެފައި ވަނީ، ރަޝިއާގެ ތެލުގެ އަގު ކޮންޓްރޯލް ކުރާ އެއްވެސް ގައުމަކަށް ތެޔޮ ނުވިއްކާނެ ކަމަށާއި އޭގެ ބަދަލުގައި އާ މާކެޓްތައް ހޯދާ، ހަމަ އަގުގައި ތެޔޮ ވިއްކާނެ ކަމަށެވެ. މި ދަނޑިވަޅުގައި ރަޝިއާގެ ތެލުގެ އެންމެ ބޮޑު ފައިދާއެއް ވާނެ ކަމަށް ބެލެވެނީ، މިހާރުވެސް ރަޝިއާއިން ތެޔޮ ގަންނަ އެންމެ ބޮޑު ދެގައުމު ކަމުގައި ވާ އިންޑިއާ އާއި ޗައިނާ އަށް ކަމަށް މުރާސިލުން ބުނެއެވެ.