ބަރަހަނާ ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެ، ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މީހަކު ރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ބ. ތުޅާދޫގައި ބްލެކްމެއިލްކޮށް ފައިސާ ހޯދަން މީހަކު އުޅޭ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންދާ ކަމަށެވެ.

ބްލެކްމެއިލް ކުރުމުގެ އިތުރުން، އޮންލައިންކޮށް އެކި ލިންކުތައް ފޮނުވައި މީހުންގެ އަތުން ފައިސާ ފޭރުން ފަދަ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެފަދަ ލިންކުތަކަށް ސަމާލުވުމަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން އަބަދު ވެސް އެދެއެވެ.