ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ އާޖެންޓިނާއާއި އޮސްޓްރޭލިޔާ ބައްދަލުކުރި މެޗަކީ އާޖެންޓީނާގެ ކެޕްޓަން އަދި މިޑްފީލްޑަރު ލައިނަލް މެސީއަށް އެކި ގޮތް ގޮތަކުން ހާއްސަ މެޗެކެވެ. މިގޮތުން، މެސީގެ ކެރިއަރުގެ އެއް ހާސް ވަނަ މެޗަށް އޭނާ ނިކުތް އިރު ރޭގެ މެޗުގައި ލަނޑު ޖަހައިގެން މެސީ ވަނީ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައެވެ.
މެޗެއްގައި މެސީ ލަނޑު ޖެހުމަކީ މިހާރު އާދަޔާ ހިލާފު ކަމަކަށް ނުވާ އިރު އަދި ވެސް ހައިރާން ކުރުވަނިވި ކަމަކީ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ހަމަ ލޮލުން ފެނުމުން އެކި އުމުރުގެ ސަޕޯޓަރުންނާއި އިދިކޮޅު ކުޅުންތެރިންނަށް ވެސް އަދި ވެސް ވާ ގޮތެވެ. މިފަދަ މަންޒަރުތަކެއް ރޭގެ މެޗުގެ ކުރިން ވެސް އަދި ފަހުން ވެސް ވަނީ ފެނިފައެވެ.
މެޗުގެ ކުރިން މެސްކޮޓުންގެ ތެރެއިން ކުއްޖަކާއި މެސީއާ ދެމެދު ހިނގައި ދިޔަ 'ލޯބި' މުއާމަލާތް
މެސީގެ 1،000 ވަނަ މެޗުގައި ގައުމީ ކެޕްޓަންގެ ހައިސިއްޔަތުން ޓީމު ގޮވައިގެން ދަނޑަށް ނިކުންނަން ތައްޔާރަށް ހުރި މެސީގެ ސިކުނޑީގައި ގައިމު އެތަށް ކަމެއް ހިނގާނެވެ. މި ހިޔާލުތައް ހުއްޓުވާލީ އޭނާގެ ގައިގާ މީހަކު ކޮއްޓާލުމުންނެވެ. ބަލާލި އިރު ހުރީ ކުޅުންތެރިން ފުރަތަމަ ދަނޑަށް އަރާ އިރު އެމީހުންނާ އެކު އަރާ ކުޑަކުދިންގެ ތެރެއިން ކުއްޖެކެވެ.
މެސީ ބަލާލުމުން އެ އަންހެން ކުއްޖާ އަތުގެ ދެ ބޮޑުވާ އިނގިލި އަރުވާލިއެވެ. ކުރިއަށް އޮތް މެޗަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އާންމުކޮށް މޫނު މަތިން އެއްވެސް ޖަޒުބާތެއް ފެންނަ ނުހުންނަ މެސީ އަށް ހިނިތުންވާން މަޖްބޫރު ވިއެވެ.
އޮސްޓްރޭލިއާގެ ކުޅުންތެރިން ވެސް މެސީއާއެކު ފޮޓޯ ނަގަން މަޑުކޮށްގެން
ރޭގެ މެޗަށް ފަހު އެހެން ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.
އެއީ އާޖެންޓީނާ އަތުން ބަލިވެ މުބާރާތުން ކެޓި އޮސްޓްރޭލިއާގެ ބައެއް ކުޅުންތެރިން މެސީއާއެކު ފޮޓޯއެއް ނަގަން އާޖެންޓީނާގެ ޑްރެސިންގް ރޫމްގެ ކައިރީގައި ހިނގާ މަންޒަރެވެ. އަދި މެސީ ފެނުމާއެކު ފުރުސަތުގެ ބޭނުން ހިފާ ފަހަރަކު ކުޅުންތެރިއަކު އޭނާއާ އެކު ފޮޓޯ ނަގަން ހުއްޓޭ އިރު ފޮޓޯ ނަގަން މަޑުކޮށްގެން ތިބި ތިން ކުޅުންތެރިންނާއެކު ވެސް މެސީ ފޮޓޯއަށް ހުއްޓޭތަން މި ވީޑިއޯއިން ފެނިގެންދެއެވެ.
1000 މެޗުގައި މެސީއަށް 789 ގޯލު
ރޭގެ މެޗަކީ މެސީގެ އެއް ހާސް ވަނަ މެޗަށް ވީ އިރު އޭނާ ވަނީ ޖުމްލަ 789 ގޯލު ޖަހާފައެވެ. އެއީ މެޗަކަށް ގާތްގަނޑަކަށް ދެ ލަނޑެވެ. މީގެ އިތުރުން އެއް ހާސް މެޗުގައި އޭނާ ވަނީ 338 ލަނޑު އެސިސްޓް ކޮށްދީފައެވެ.
އޮސްޓްރޭލިއާ ކޮޅަށް ޖެހި ލަނޑާއެކު މެސީ މިވަނީ ވޯލްޑްކަޕްގައި ދެވަނަ އަށް އެންމެ ގިނައިން ލަނޑު ޖެހި އާޖެންޓީނާގެ ކުޅުންތެރިޔާ އަށް ވެފައެވެ. އަދި އޭނާ ވަނީ އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މެރަޑޯނާއަށް ވުރެ ގިނަ ލަނޑު ޖަހާފައެވެ.
މަރަޑޯނާ މިމުބާރާތުގަ ކުޅުން ކަމެއް ނުދެނަހުރިން