ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި ސައުތް ކޮރެއާއިން ޕޯޗުގަލް 2-1 އިން ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ސައުތްކޮރެއާ ދެވަނަ ބުރަށް ދިޔައީ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ދެވަނަ ލިބުނީ މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން ގާނާ އަތުން އުރުގުއާއި މޮޅުވި ނަމަވެސް ޖެހި އަދި ބައިކޮޅަށް ވަތް ގޯލުގެ ތަފާތުންނެވެ.
މިރޭގެ މެޗުގެ ކުރިން ޕޯޗުގަލްއަށް ދެވަނަ ބުރު ކަށަވަރުވެފައިވާ އޮތް އިރު އެޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ މުހިންމު ކުޅުންތެރިން މިރޭގެ މެޗަކަށް ނިނުކުމެއެވެ. އެހެން ނަމަވެސް މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ޕޯޗުގަލުންނެވެ.
މިގޮތުން އެޓީމަށް މިލަނޑު ކާމިޔާބުކޮށް ދިނީ ރިކާޑޯ ހޯޓާއެވެ.
މިލަނޑުގެ ފަހުން ފުރަތަމަ ހާފްގައި ސައުތްކޮރެއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކިމް ޔޮންގް-ވޮންއެވެ. މިމެޗުން އެއްވަރުވެގެން މުބާރާތުގައި ކުރިއަށް ނުދެވޭނެ ކަން ސައުތް ކޮރެއާއަށް އެނގޭ އިރު އެޓީމުން މަސައްކަތް ކުރީ ދެވަނަ ލަނޑެއް ޖަހާ ނަތީޖާ ކަށަވަރު ކުރާށެވެ.
ދެވަނަ ހާފްގައި ވެސް ސައުތް ކޮރެއާއިން އިތުރު ލަނޑެއް ޖަހަން ގިނަ މަސައްކަތް ކުރި ނަމަވެސް މެޗުގެ 91 ވަނަ މިނެޓާއި ހަމައަށް މި މަސައްކަތް ދިޔައީ ނާކާމިޔާބުވަމުންނެވެ.
ދެން އައި ސައުތް ކޮރެއާގެ ކުޅުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެވެ. މެޗުގެ 91 ވަނަ މިނެޓްގައި ޕޯޗުގަލް އަށް ލިބުނު ކޯނަރަކުން ބޯޅަ ކްލިޔާކޮށްގެން ޕޯޗުގަލްގެ ގޯލާ ދިމާލަށް ދުވަމުން ދިޔަ ކެޕްޓަން ސޮން ހިއުމިންގް ފޯވަޑް ހުވާންގް ހީ ޗަންއަށް ދިން ބޯޅަ އޭނާ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. އެ ލަނޑަކީ ސައުތް ކޮރެއާ ދެވަނަ ބުރަށް ގެންގޮސްދިން ލަނޑެވެ.
ކޮރެއާ ކުޅެން ޖެހޭނީ ގްރޫޕް ޖީގެ އެއްވަނަ ޓީމާ ކަމަށްވާ އިރު މި ގްރޫޕްގެ އެއްވަނަ ހޯދި ޕޯޗުގަލް ކުޅެން ޖެހޭނީ ގްރޫޕް ޖީގެ ދެވަނަ ޓީމާއެވެ. އެ ޓީމުތައް ނިމިގެންދާނީ ދަންވަރު 12 ޖަހާ އިރުގެ މެޗުތައް ނިމުމުންނެވެ.