އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯން އެޕްލިކޭޝަން ބަލައިގަތުން މަޑުޖައްސާލައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ، މި އަހަރުގެ މާލީ އަހަރު ނިމުމަކަށް ގެނައުމަށާއި ހިދްމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި މަހުގެ 1 އިން ފެށިގެންލޯނަށް އެދި ހުށަހެޅުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އެގޮތުން ދަނޑުވެރި ނަފާ އާއި ކަނޑޫފަޅުގެ ނަފާއަށް ލޯނަށް އެދުމާއި އާރްއެސްޑަބްލިއު ޕްރޮގްރާމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

ލޯން އެޕްލިކޭޝަން ތައް ބަލައިގަތުން މެދުކަނދާލި ނަމަވެސް ޑިސެމްބަރު 1 ވަނަ ދުވަހާ ހަމައަށް ލާފައިވާ އެޕްލިކޭޝަންތަކާ ގުޅުން ހުރި ކަންކަން އާދައިގެ މަތިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެސްޑީއެފްސީން ބުނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ލިޔެކިޔުންތަކަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

ދެން ލޯނަށް އެދި ފޯމް ހުށަހެލޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ކަމަށް އެސްޑީއެފްސީން ބުނެއެވެ.

އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނިން ދޫކުރާ ލޯންތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.

އެސްޑީއެފްސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ނޮވެމްބަރު މަހުގެ ފެށުމާ ހަމައަށް ވަނީ ޖުމްލަ 1023 ލޯނު ދޫކޮށްފައެވެ. އެއީ 947 މިލިއަން ރުފިޔާގެ ލޯނެވެ.