ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ކުންފުނި ފާހަގަކޮށް ކޯޕަރޭޓް މޯލްޑިވްސް އިން ދޭ "ގޯލްޑް 100 ގާލާ" އެވޯޑް އެސްޓީއޯ އަށް ލިބިއްޖެއެވެ.

މި އެވޯޑް އެސްޓީއޯއަށް ހަވާލުކޮށްފައި ވަނީ ރޭ ކްރޮސްރޯޑްގައި ބޭއްވި ކޯޕަރޭޓް މޯލްޑިވްސް ގޯލް 100 ހަފްލާގައެވެ.

އެސްޓީއޯ އިން ބުނީ، ކޯޕަރޭޓް މޯލްޑިވްސްގެ ގޯލްޑް 100 އިން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރީގެ ކުންފުނިތަކުގެ ތެރޭގައި މިއަހަރު އެ ކުންފުނި ހިމެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި އަގު ވަޒަންކޮށް ކޯޕަރޭޓް މޯލްޑިވްސްއަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އެ ކުންފުނީގެ ހިދްމަތްތައް ރަނގަޅުކޮށް، ވިޔަފާރި ކުރިއެރުވުމަށް ކުރާ މަސައްކަތް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކުރިއަށްގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މި އަހަރުގެ ގޯލްޑް 100 އެވޯޑް ވަނީ އެސްޓީއޯގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި އުރީދޫ އާއި ދިރާގާއި އެލައިޑް އިންޝުއަރެންސާއި އޭޑީކޭ ގްރޫޕާއި ލިންކް ސާވިސް ފަދަ މަޝްހޫރު ބައެއް ބޮޑެތި ކުންފުނިތަކަށް ލިބިފައެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ދަމާސްގެ ޗެއާމަން މުހައްމަދު ސޯލިހު (ޑިމްސް ސޯލިހު) އަށެވެ. ހަަމައެއާއެކު ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ، ކާމިޔާބު 100 ކުންފުނި ހިމަނައިގެން "ގޯލްޑް 100"ގެ ނަމުގައި ލިސްޓެއް އެކުލަވާލައި ހާއްސަ މަޖައްލާއެއް ވެސް ރޭ ނެރުނެވެ.

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެ އަހަރަކު އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އެވޯޑު ހަފްލާއެކެވެ. މިއީ މި އެވޯޑު ހަފްލާ ބާއްވާ ހަވަނަ އަހަރެވެ. "ގޯލްޑް 100" ގައި ހިމަނާނެ ކުންފުނިތައް ހޮވަނީ ކުރިމަތިލާ ފަރާތްތައް ސްކްރީން ކޮށްގެންނެވެ.