"އާބަން އައިލް"ގެ ނަމުގައި ހުޅުމާލޭގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އެޗްޑީސީން ތައާރަފު ކޮށްފިއެވެ.

އެޗްޑީސީން ބުނީ، އާބަން އައިލް އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކޮށްފައިވާ ރަށެއް ކަމަށެވެ.

ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެ ކަމަށެވެ.

އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މިފަދަ ގިނަ ޑިވަލޮޕްމަޏްޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށެވެ.

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި އެޗްޑީސީން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

އެޗްޑީސީން ބުނީ، އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗާއެއް، އެޗްޑީސީން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އެކުންފުނިން އިސްކަންދޭ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް ރާވާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށް ވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެއެވެ.. މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފްއެންބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

އެޗްޑީސީން ބުނީ، ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.