ވ. އާރަށުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތު ވާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހާ ލައިގެން ކަމަށް ދައުލަތުން ބުނެފިއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުގެ ވަކީލުން މިފަދައިން ބުނެފައި ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ޔާމީންގެ ވަކީލުން އެދިފައި ވަނިކޮށެވެ.
ރައީސް ޔާމީންގެ ވަކީލުން ވަނީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެވަޑައިގަތް އިރު އެކޯޓުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަންނަން ވެސް ނިންމި ކަމަށް ވަކީލުން ފާހަގަ ކުރިއެވެ.
އެ މައްސަލާގެ ހުލާސާ ބަޔާން އިއްވަން މިއަދުގެ ޝަރިއަތް ކުރިއަށް ގެންދާއިރު ދައުލަތުގެ ވަކީލުން ވަނީ އަދީބުގެ ހެކިބަހަށް ބާރު ލިބެނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އަދީބާއި ޔާމީނާއި ދެމެދު ފޯނުން ދެކެވުނު ވާހަކަތަކުގެ ކޯލް ރެކޯޑިން ކަން ފާހަގަ ކޮށްފައެވެ. އަދި އާރަށް ކުއްޔަށް ދިނީ އަދީބު ހަދާފައިވާ އުސޫލުގެ ދަށުން ކަމަށް ވެސް މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު ފާހަގަ ކުރިއެވެ.