ގަތަރުގައި ހިނގަމުންދާ ވޯލްޑަކްޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެގެން އެމެރިކާއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އެމެރިކާއިން ދެވަނަ ބުރަށް ދިޔައީ ގްރޫޕް ބީގައި އެޓީމުން ކުޅުނު ފަހު މެޗުގައި އީރާނާ ވާދަކޮށެވެ. މިމެޗު ފެށުމުގެ ކުރިން ތާވާލުގައި ތިން ވަނައިގައި އޮތް އެމެރިކާއިން މިމެޗުން މޮޅު 1-0 ގެ ހަނި ސްކޯލައިނަކުންނެވެ.
މުބާރާތުގައި މީގެ ކުރިން ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެ މެޗުން ދަށްވެފައި އޮތް އީރާނު އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވެގެން ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް އިރު މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ދެއްކީ ޑިފެންސިވް ކުޅުމެކެވެ. އަދި ހަމަލާތައް އުފައްދަން މަސައްކަތް ނުކޮށް ހަމަލާތައް ދިފާއުކުރަން ތިއްބާ ފެނިގެން ދިޔައީ އެމެރިކާއިން ލަނޑު ޖެހިތަނެވެ.
މެޗުގެ 38 ވަނަ މިނެޓްގައި މި ލަނޑު އެމެރިކާއަށް ކާމިޔާބުކޮށް ދިނީ ކްރިސްޓިއަން ޕުލިސިކްއެވެ. މި ލަނޑު ޖެހުމުގެ ތެރޭގައި އޭނާ އަށް އަނިޔާވެ ވަނީ ބަދަލުކުރަން ޖެހިފައެވެ.
މެޗުގެ ދެވަނަ ހާފްގައި އީރާނުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރި ނަމަވެސް އެމެރިކާއިން ވަނީ ވަރުގަދަ ދިފާއީ ކުޅުމެއް ދައްކާ މެޗުގެ ސްކޯ 1-0 އިން ނިންމާލާފައެވެ.
މިއާއެކު އެމެރިކާއިން ދެވަނަ ބުރަށް ގޮސްފައިވަނީ ކުޅުނު ތިން މެޗުން ވެސް ބަލިނުވެ 5 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނަ ބުރުުގައި އެޓީމުން ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ކަށަވަރު ކުރި ނެދަލޭންޑްސްއާއެވެ.