ގއ އަތޮޅުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް މިރޭ ލޮޅުމެއް އައިސްފިކަމަށް މެޓް އޮފީހުން ދާދި ދެންމެ ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިރޭ 00:11 ހާއިރު އައި އެ ލޮޅުން ގދ ކާޑެއްދޫގައި ބަހައްޓާފައި ވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރެކޯޑް ކުރެވިފައި ވާ ކަމަށެވެ. މި ބިންހެލުން ނުވަތަ އައި ލޮޅުމުގެ ބާރުމިނެއް ވެސް އަދި ލޮޅުން ދެމިގެން ދިޔަ ދިގުމިނެއްވެސް މެޓް އޮފީހަކުން ނުބުނެއެވެ.
އިތުރަށް މެޓް އޮފީހުން ބުނީ، މި ލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއްގެ އަސަރެއް ކޮށްފާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މި ލޮޅުމުގެ މައުލޫމާތު ގއ އަތޮޅުން އަދި ސާފުވާ ގޮތް ވެފައި ނުވާ އިރު، ލޮޅުމުގެ އިހުސާސް އެއަތޮޅުގެ ރައްޔިތުންނަށް ކުރިކަމެއް ނޭނގެއެވެ.
ރާއްޖެ އޮންނަ ސަރަހައްދަކީ އާންމުކޮށް ބިންހެލުންތައް އަންނަ ސަރަހައްދެއް ނޫން ނަމަވެސް، ފެބްރުއަރީ 6، 2020 ގެ 1:47 ގައި ހއ އަތޮޅު ދިއްދޫގެ 76 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިއަށް ރެކްޓާ މިންގަނޑުން 4.6 ގެ ބާރުމިނުގައި ބިންހެލުމެއް އައެވެ. އެ ބިންހެލުމުގެ އަސަރު ރާއްޖެއިން 9 މީހަކަށް ކުރިކަމަށް ބުނެ އޭރު ރިޕޯޓު ކުރިއެވެ.
އަދި އޭގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ކުދި ކުދި ބިންހެލުންތައް އައިސްފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް މިއިން އެއްވެސް ބިންހެލުމެއްގެ އަސަރު ރާއްޖޭގެ ރައްޔިތަކަށް އިހުސާސް ވުމުގެ އިތުރުން ރާއްޖެއަށް ކޮށްފައި ނުވާކަމަށްވެސް މޫސުމާބެހޭ އިދާރާތަކުގެ ރެކޯޑްތަކުން ދައްކައެވެ.
ނަމަވެސް މިއަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އަދި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކުރި ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ބިންހެލުމެއް އަސަރު ކޮށް ރާއްޖެއަށް ސުނާމީ އެރީ ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ. އެ ސުނާމީގައި ރާއްޖޭގެ 9 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް އެކި ވަރުގެ ގެއްލުން ލިބި ރާއްޖެއިން ޖުމްލަ 84 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފަވެ. އަދި 15،000 ދިވެހިގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ އަބާދީގެ 62 ޕަސެންޓް މީހުން، މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާ ކުރިމަތިލާފައި ވެއެވެ.