އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ، ހައިކޯޓުން އެ މައްސަލަ ނުބަލަން ދައުލަތުން މިއަދު އެދިއްޖެއެވެ.
2016 ވަނަ އަހަރު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، މާލޭގައި ހުއްދަ ނުހޯދައި ސަރުކާރުން ކަނޑައަޅާ ވަކި ތަންތަނަށް އެއްވެވޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން ހުއްދަ ނުހޯދައި އެއްވެވޭނީ ކާނިވާ ސަރަހައްދަށެވެ.
ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ހައިކޯޓަށް ހުށަހެޅީ އޮންލައިން ނޫސް "ދިޔަރެސް"ގެ މަސްއޫލުވެރިން ކަމަށްވާ އަހްމަދު އަޒާނާއި އިބްރާހީމް ރަޝީދުގެ އިތުރުން އަހްމަދު އިބްރާހީމެވެ.
ހައިކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ، އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ މާއްދާ އުވާލުމުގެ ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރަމުން ދާތީ، ގާނޫނުގެ އެ ބައި ބާތިލްކުރުމުގެ މައްސަލަ ކޯޓުން ބެލުމުގެ ބޭނުމެއްް ނެތް ކަމަށެވެ.
ނަމަވެސް މައްސަލަ ހުށަހެޅި ތިން ފަރާތުގެ ވަކީލު ވިދާޅުވި ގޮތުގައި، މަޖިލިހަށް ބިލެއް ހުށަހަޅާފައި އޮތަސް ކޯޓަށް އެ މައްސަލައެއް ނުބެލޭ ކަމަށް ވަންޏާ އެކަމުގެ ސަބަބުން އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތެއް އެބައޮތެވެ. އެގޮތުން އޭނާ ވިދާޅުވީ، ކޮންމެ ހައްގެއް ހަނިކުރުމަށް ފަހު އަނެއްކާ ވެސް މަޖިލިހަށް ބިލެއް ހުށަހެޅުމަށް ފަހު ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް ބުނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ވަކީލު ވިދާޅުވީ:
- މަޖިލިހުން އެގޮތަށް ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް ކުރިން ނިންމާފައިވާ ކަމަށް
- ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކުން ވެސް އެ އިސްލާހު އުވާލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަން އެނގޭ ކަމަށް
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް މަޖިލީހުގައި ބިލު އޮތަސް، ގާނޫނު އޮތް ގޮތުން އެއްވެ އުޅުމުގެ ހައްގު އޮތީ ހަނިވެފައެވެ. އަދި އެއްވވާ މީހުން ހައްޔަރުކުރަމުން ދާއިރު، އެ ހައްގު ހަނިކޮށްފައި ވަނީ ރަނގަޅަށް ކަން ދައުލަތަށް ބުނެނުދެވޭ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
އެ މައްސަލައިގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ހުރުމުން، އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް، މައްސަލަ ބަލާ ބެންޗުން އިއުލާނު ކުރެއްވިއެވެ.
ހައިކޯޓުން އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.