ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ޑިސެމްބަރު މަހު އަތުލައިގެން 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހިމެނޭ އަހުމަދު މުޖާހިދު ދޫކޮށްލައިފިއެވެ.

އެ މައްސަލާގައި ޝަރީއަތް ނިމެންދެން 3 މީހަކު ބަންދުކޮށްފައިވާއިރު ގދ. ހޯޑެއްދޫ، އަލޯރާ، އުމުރުން 29 އަހަރުގެ އަހްމަދު މުޖާހިދުގެ އިތުރުން ދެން ހިމެނެނީ ހަމަ އެ ރަށު ގުލޭނޫރަންމާގެ އުމުރުން 52 އަހަރުގެ އަލީ ޒުބައިރު އާއި އިރުމަތީގެ، އުމރުން 25 އަހަރުގެ އަހްމަދު ސުނައިނެވެ.

މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީ މުޖާހިދު ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުގައެވެ. އެގޮތުން ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމާއި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމާއި ދައުލަތުގެ ހެކިންނާ މުއާސަލާތު އަދި މުއާމަލާތް ނުކުރުމުގެ އިތުރުން ހެއްކަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ.

އެ ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް މީގެ ކުރިން ދައުލަތުގެ ވަކީލުން ބުނެފައިވާއިރު އެގޮތުން މަސްތުވާތަކެތި އެޅުމަށް ދަބަހާއި ފޮށިގަނޑުތައް ގަތުމަށް ސުނައިނާއި ޒުބައިރު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ލިބިފައިވާނެ ކަމަށް ދައުލަތުގެ ވަކީލު ފާހަގަކުރިއެވެ. އަދި މުޖާހިދުއާ ގުޅޭ ލިޔުންތަކެއް ފެނިފައިވާ ކަމަށާއި އެ ކާރުގައި މުޖާހިދު ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަސް މީހަކު ތިބި ނަމަވެސް، ފުލުހުން ހައްޔަރު ކުރީ ތިން މީހުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހަރަކާތްތެރިވި، ގދ. ހޯނޑެއްދޫ، އަލޯރާ، އުމުރުން 26 އަހަރުގެ އަރުޝަދު ހާލިދާއި، ގދ. ހޯޑެއްދޫ، ދޯދި، އުމުރުން 31 އަހަރުގެ މުހައްމަދު އަކްރަމް އަބްދުލްހަންނާން ފުލުހުން ހައްޔަރެއް ނުކުރެއެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތިން އަރުޝަދު ހައްޔަރުކުރި ނަމަވެސް ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެއެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.